ކ. މާފުއްޓަށް އަރާ ފޭބުން މަނާކޮށް އެ ރަށް މޮނިޓަރިން އަށް ލައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކ. މާފުށި މޮނިޓަރިން ހާލަތަށް ލާފައި މިވަނީ އެރަށުގައި ހުރި ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވުމާއެކު އެ ރަށުގައި ކޮންޓެކްޓް ޓްރޭސް ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި އެކަންކަން ކުރެވެންދެން އެރަށް އޮންނާނީ މޮނިޓަރިންގެ ހާލަތުގައި ކަމަށް ވެސް އެފަރާތުން ބުނެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މާފުށީ ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ވަނީ ކޮވިޑާ ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެ ރަށް މޮނިޓަރިން އަށް ލާފައިވާ ކަމަށެވެ. މާފުށި މޮނިޓަރިން އަށް ލާފައި ވަނީ މިއަދު މެންދުރު ފަހު 15:43 އިން ފެށިގެންނެވެ.

މާފުށީގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުން ވަނީ މަނާކޮށްފައެވެ. އަދި އެ ރަށް މޮނިޓަރިންގެ ހާލަތަށް ލުމާގުޅިގެން، އެޗްޕީއޭއިން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެގޮތުން އަންގާ އެންގުންތަކާއި، އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް އެ އެޖެންސީން ވަނީ އެދިވަޑައިގެންފައެވެ.

މިއަދު އެ ރަށުގައި ފަތުރުވެރިއަކު ޕޮޒިޓިވްވެފައި ވާއިރު، އިއްޔެ އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި 5 ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ ރަނގަޅުވެފައި ވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ވަނީ ބުނެފައެވެ. އަދި އެހިސާބުން މާފުށީގައި ކޮވިޑްގެ އެއްވެސް އެކްޓިވް ކޭސްއެއް ނެތްކަމަށް ވެސް ސިއްހީ މަރުކަޒުން އިއްޔެ ވަނީ ބުނެފައެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރި ހިންގަމުންދާ މާފުށިން 5 ފަތުރުވެރިއަކު މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

ކޮވިޑް ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން ރާއްޖޭގެ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަލުން އަތޮޅު ތެރޭގައި ހުރި ގެސްޓް ހައުސްތައް ހުޅުވާލާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ގެސްޓްހައުސް ސިނާއަތް ހުޅުވާލުމާއިއެކު އެންމެ ފުރަތަމަ ފަތުރުވެރިންގެ ބަޔަކު ގޮސްފައިވަނީ ވެސް މާފުއްޓަށެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު