ހޯމް މިނިސްޓަރު އިމްރާން އަބުދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ ރައްޔިތުންގެ މަޖިލީހަށް ތާވަލުކޮށްފިއެވެ.
އިމްރާނުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސަށް ދެ ގަޑިއިރު ދިނުމަށް އާންމު ކޮމިޓީއިން ވަނީ ނިންމާފައެވެ. އެގޮތުން އެ ދެގަޑިއިރުގެ ތެރެއިން ފަށާއިރުއާއި މެދުތެރެއިން އަދި ނިންމާއިރު މިނިސްޓަރަށް 10 މިނެޓް ލިބިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ 11 މެންބަރެއްގެ ސޮއާ އެކުއެވެ. މި މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއި ކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ 9 މެންބަރުންގެ އިތުރުން އަމިއްލަ ދެ މެންބަރުންނެވެ.
މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާއަށް ތާވާލުކޮށްފައި މިވަނީ މިއަދު އެމައްސަލަ މަޖިލީހުގެ ސުޕާމެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްނުކުރުމަށް ނިންމާފައިވަނިކޮށެވެ.
އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި، މިއަހަރުގެ ޖޫން މަހު ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން މިނިސްޓަރު ދެއްކެވި ވާހަކައިގެ ސަބަބުންނެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހަށޭ ބުނާނަން" ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން މިނިސްޓަރު އިމްރާނަށް ގިނަބައެއްގެ ފާޑުކިއުންތައް ވެސް އަމާޒުވިއެވެ. އެގޮތުން މިނިސްޓަރު އިމްރާން ވިދާޅުވީ، އެންމެ ފުރަތަމަ އެ ހާދިސާގެ ވާހަކަ އަޑުއިވި ވަޑައިގަތުމުން ހީ ކުރެއްވީ އެއީ ވަރަށް ބޮޑު ރޭޕް ކޭސްއެއް ކަމަށެވެ.
އެ ހާދިސާ މާ ބޮޑު ކަމަކަށްވީ އެކަން ރިޕޯޓު ކުރި ގޮތުން ކަމަށާއި އެހާ ބޮޑުކޮށްލައިގެން ދެއްކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މައްސަލައަކީ އަޑު ފެތުރުނު މިންވަރުގެ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަމަކީ އާންމު ތަނެއްގައި ހުރެފަ ވެސް ކޮށްލެވޭވަރު ކަމެއް ކަމަށާއި، އަދި ކުރީމަ ކަމެއް ކުރިކަންވެސް ނޭނގޭ ކަހަލަ ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.