ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކުރާ ވެކްސިން، އިންސާފުވެރި ގޮތެއްގައި މުޅި ދުނިޔެއަށް ފޯރުކޮށްދިނުމަށް، އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމުގެ އިއްތިހާދު (ޖީ-20) އަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ގޮވާލައްވައިފިއެވެ.
ގައުމުތަކަށް ފޯރުކޮށްދޭނެ ވެކްސިން ޑޯޒްތައް ކަނޑައެޅުމުގައި ހުރިހާ ގައުމަކާ މެދުވެސް އިންސާފުން އަމަލުކުރުމަށް ބާރު އަޅުއްވާ، ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވާހަކަދައްކަވާފައި ވަނީ، މިހާރު ކުރިއަށްދާ (ވާޗުއަލް) ޖީ-20 ސަމިޓްގައެވެ.
ޖީ-20 ސަމިޓް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތަށް ދެއްވި ބަޔާނުގައި ޑރ ޓެޑްރޯޒް ވިދާޅުވީ، ބަލިމަޑުކަމަށް ނިމުން ގެނައުމުގެ އަސާސަކީ އިންސާފުވެރި ގޮތެއްގައި ހަމަހަމަ އުސޫލަކުން ވެކްސިން ފޯރުކޮށްދިނުން ކަމަށެވެ. އަދި ބަލިމަޑުކަމުން އަރައިގަނެ، މުޅި ދުނިޔެ އާރާސްތު ކުރުމުގެ މަސައްކަތް މަރުކަޒު ވެފައި ވަނީ މިކަމުގެ މައްޗަށް ކަމަށް ޓެޑްރޯޒް ވިދާޅުވިއެވެ.
ވެކްސިން އުފެއްދުމުގެ މަސައްކަތް، މިހާރުން މިހާރަށްވެސް 4.5 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ޖެހިފައި ވާ ކަން، ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ.
ޖީ-20ގެ ގައުމުތަކަކީ ދުނިޔޭގެ އާބާދީގެ 3 ބައިކުޅަ 2 ބައި ހިއްސާ ކުރާ، އަދި ދުނިޔޭގެ އިގުތިސޯދުގެ 80 ޕަސެންޓް ހިއްސާ ކުރާ ގައުމުތަކެއް ކަން ފާހަގަ ކުރައްވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، މި އިއްތިހާދުގެ މުހިންމު ކަން އޮތީ ހަމައެކަނި ކޮވިޑް-19އަށް ނިމުން ގެނައުމަށް ނޫން ކަމަށާ، ކުރިއަށް އޮތް ތަނުގައި ކުރިމަތިލާން ޖެހިދާނެ ބަލިމަޑުކަމުގެ ކާރިސާތަކުން ސަލާމަތް ވުމަށްވެސް ޖީ-20ގެ ބޭނުން ބޮޑު ކަމަށެވެ.
ކޮވިޑް-19އަށް ވެކްސިނެއް ތަރައްގީކޮށް އާންމު ބޭނުމަށް އެ ވެކްސިން ތައާރަފު ކުރުމުގެ މަސައްކަތް، ތާރީހު ނުދެކޭ ފަދަ ރެކޯޑް ހަލުވި މިނެއްގައި ކުރިއަށް ދާއިރު، ގައުމުތަކަށް އިންސާފުން ވެކްސިން ނުލިބިދާނެ ކަމުގެ ބިރު، މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ކަނޑައެޅިގެން ވަކި ވެކްސިނަކަށް އަދިވެސް ރުހުން ދީފައެއް ނުވެއެވެ. ނަމަވެސް މާލީ ގޮތުން ތަނަވަސް ގައުމުތަކުން މިހާރުވެސް ދަނީ، ގިނަ އަދަދެއްގެ ވެކްސިން ޑޯޒްތައް ދުރާލާ ގަނެފައެވެ. ނުވަތަ ގަތުމަށް އެއްބަސްވުންތައް އެކުލަވާލާފައެވެ.