ރިސޯޓު ތަކުގައި ކޮވިޑް އެކްޓިވް ކޭސް 200 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރިސޯޓު ތަކުން ފެންނަމުން ދާ ކޮވިޑް ކޭސްތަކުގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 200 އަށް ވަނީ އަރާފައެވެ. އެގޮތުން ރިސޯޓު ތަކުގައި ޕޮޒިޓިވް ކޭސްގެ ގޮތުގައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ 42 ފަތުރުވެރިންނާއި 158 މުވައްޒަފުންނެވެ.

ބޯޑަރު ހުޅުވާލި ފަހުން ރާއްޖޭގެ ފަތުރުވެރިކަން ފަށާފައި ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ފަތުރިވެރިކަން ފެށި ފަހުން ކޮވިޑް ކޭސްތައް ރިސޯޓު ތަކުންވެސް އަންނަނީ ފެންނަމުންނެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 59105 އަށް އަރާފައެވެ.

ރިސޯޓު ތަކުން ފެންނަ އެކްޓިވް ކޭސްތައް އިތުރުވަމުން އައިސްފައި ވާ ގޮތަށް ބަލާއިރު ވޭތުވެ ދިޔަ ތިން ދުވަހު ކޭސް އިތުރުވާ މިންވަރު އިތުރުވެފައި ވާ ކަަން ވަނީ ފާހަގަ ވެފައެވެ. އެ ގޮތުން މި މަހުގެ 18 ވަނަ ދުވަހު ރިސޯޓު ތަކުގައި ތިބީ 138 އެކްޓިވް ކޭސްއެވެ. އެއީ 48 ފަތުރުވެރިންނާއި 90 މުވައްޒަފުންނެވެ. އަދި 19 ވަނަ ދުވަހު އެ އަދަދު ވަނީ އިތުރު ވެފައެވެ. އެގޮތުން 19 ވަނަ ދުވަހު ރިސޯޓު ތަކުގެ އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 156 މީހުންނެވެ. އެއީ 46 ފަތުރުވެރިންނާއި 110 މުވައްޒަފުންނެވެ. އަދި އިއްޔެ އެކްޓިވް ކޭސްގެ އަދަދު ވަނީ 200 އަށް އަރާފައެވެ.

ރޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރަށްރަށުން މިހާރު ކޮވިޑް އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 17 މީހުންނެވެ. އެއީ 5 ދިވެހިންނާއި 12 ބިދޭސީންނެވެ.

މިހާރު ރާއްޖޭގައި މި ބަލި ޖެހިފައި ތިބި ޖުމްލަ އެކްޓިވް ކޭސްގެ އަދަދަކީ 997 އެވެ. އޭގޭ ތެރެއިން ރިސޯޓު ތަކުގައި 200 ކޭސް އަދި ރަށްރަށުގައި 17 ކޭސް ހިމެނޭއިރު މާލެ ސަރަހައްދުގައި ހިމެނެނީ 780 އެވެ. އެއީ މާލެ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،546 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11497 އަށް އަރާފައެވެ.