ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާއިން މިއަދުވެސް ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުން ދާ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ނައިބު ރައީސް ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާއިން ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށާ، މި އަސާސްތައް ކަރުދާހަށް ތިރިކުރުމާއި މި އަސާސްތައް ހަޤީޤަތުގައި ތަންފީޒުކުރުމަކީ ތަފާތު ދެ ކަމެއްކަމަށެވެ.
ކުޑަކުދިންގެ ހައްގުތައް ނިގުޅައިގަނެ، އެ ކުދިންގެ ކަރާމާތައް އަރައިގަތުމާ ގުޅޭ ހިތާމަވެރި ހާދިސާތަކުގެ ވާހަކަ، ހަބަރުތަކުގެ ސުރުހީތަކުން ފެނިވަޑަިގަންނަ ވާ ކަން ފާހަގަ ކުރައްވާ، ނައިބު ރައީސް ވިދާޅުވީ، މިއީ ކުރިމަތިލާން ޖެހިފައިވާ ހަޑި، މުޑުދާރު ހަގީގަތެއް ކަމަށެވެ. އަދި، މިއީ މިފަދަ ކަންކަމާ ޒުވާނުން ފިކުރުކޮށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މި ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމާ ދޭތެރޭ ވިސްނަންވެއްޖެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ.
ރާއްޖެއިން ހައްގުތައް ކަށަވަރު ކުރުން
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަކީ އދގެ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑްގައި ބަޔާން ކޮށްފައި ވާ އުސޫލުތަކާ، މިންގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ގާނޫނެއް ކަން ފާހަގަ ކުރައްވާފައެވެ.
ދައުލަތުގެ އިދާރާތަކުން ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ، އެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ބާރުއެޅުމުގެ ގޮތުން ޗައިލްޑް ރައިޓްސް އޮމްބަޑްސްޕާސަން އެއް ގެ އޮފީސް ވުޖޫދަށް ގެނެސް، އެ އޮފީހުން ސަރުކާރު ޒިންމާދާރު ކުރުވައި، ގައުމީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރެވޭނެ ކަން ކަށަވަރު ކުރުމަށް ލާޒިމް ކޮށްފައި ވާ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރާ ގާނޫނުތައް ވުޖޫދަށް އައުމަށް ފަހު ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖޭގައި ކުރެވޭ މަސައްކަތް ތަކަށް ހަރުދަނާ އޮނިގަނޑެއް ލިބިފައި ވާ ކަމަށް ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މި ގާނޫނުތަކުގައި ބަޔާން ކޮށްފައި ވާ މައިގަނޑު މަސްދަރުތަކާއި، އަސާސްތަށް ވަނީ ކުޑަކުދިންގެ ދުޅަހެޔޮކަމާއި އެ ކުދިންގެ ހައްގުތައް ރައްކާތެރި ކުރެވޭނެ ކަން ކަށަވަރު ކޮށްދީފައި ކަމުގައި ވެސް ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.
އަދުގެ ސަރުކާރުގައި ކުޑަކުދިންނަށް ހާއްސަ އަހައްމިއްޔަތުކަމެއް
ނައިބު ރައީސް ދެއްވި ވީޑިއޯ މެސެޖުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަސްދީގުކުރެއްވީ ކުޑަކުދިންނަކީ އަމިއްލަ ހައްގުތަކުގެ ދިފާއުގައި ނުވަތަ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ހޯދުމަށް ބަސް ބުނެވޭ ފަދަ މަގާމެއްގައި ތިބި ބައެއް ނޫން ކަމުގައި ވާތީ، ކުޑަކުދިންނަށް އެ ހައްގުތައް ކަށަވަރު ކޮށްދިނުމުގެ މަގު ކޮށައިދިނުމުގެ ގޮތުން ކަމުގައި ވިދާޅުވިއެވެ.
ހަމަ އެހެންމެ، ސަރުކާރުންނާއި ދައުލަތުގެ ބާރުތަކުން އިސްނަގައިގެން އެ ކުދިންގެ ހައްގުތަކުގެ ދިފާއުގައި ބަސްބުނެ، އެ ކުދިންގެ އަބުރަށާއި ކަރާމާތައް އުނިކަމެއް އައުން ނުވަތަ އެ ކުދިންގެ ދުޅަހެޔޮ ކަމަށް ގެއްލުމެއް ވެދާނެ ކަމަށް ހުށިޔާރުވެ، ސަމާލުވާން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާތީ ކަމަށް ވެސް ނައިބު ރައީސް ފައިސަލް ވަނީ ފާހަގަ ކުރައްވާފައެވެ.
ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކަށް ވެސް ރައްކާތެރި މާހައުއުލެއް ކަށަވަރު ކޮށްދީ، އަމިއްލައަށް އިސްނަގައިގެން ދިރިއުޅެވޭނެ ފަދަ އުޖާލާ މުސްތަގުބަލެއް ހޯދައިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި، މި އަމާޒު ކާމިޔާބު ކުރެވޭނީ ދައުލަތުގެ ހުރިހާ އިދާރާއަކާއި، މުޖުތަމައުގެ ހުރިހާ ފަރުދުންގެ އެހީތެރިކަމާ އެކުގައި ކަމަށްވެސް، ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުން ދާ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖުގައި، ނައިބު ރައީސް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ކުޑަކުދިންގެ ދުވަހެއް ފާހަގަ ކުރުމަށް އދއިން އެންމެ ފުރަތަމަ ނިންމީ 1954 ވަނަ އަހަރުއެވެ. އޭގެ ފަހުން ނޮވެމްބަރު މަހުގެ 20 ވަނަ ދުވަސް ފާހަގަ ކުރަނީ، ކުޑަކުދިންގެ ދުޅަހެޔޮ ކަމާ ލާބައާ މަންފާ ޕްރޮމޯޓް ކޮށް، އެކަމަށް ކުޑަކުދިންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، އަހުލުވެރި ކުރުވުމަށް ބައިނަލްއަގުވާމީ އެއްބައިވަންތަ ކަމުގެ ދުވަހެއްގެ ގޮތުގައެވެ.