ކޮވިޑް ޖެހިގެން 86 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު އޭގެ ތެރެއިން 3 މީހަކަށް ދަނީ އައިސީޔޫގައި ފަރުވާ ދެމުން ކަަމަށް ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، 86 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށެވެ. އޭގެ ތެރެއިން 83 މީހުންނަށް ވޯޑުގައި ފަރުވާ ދެމުންދާ ކަމަށާއި 3 މީހަކު ތިބީ އައިސީޔޫގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އައިސީޔޫގައި 3 މީހުންނަށް ފަރުވާ ދެމުން ދާ ކަމަށާއި ހުޅުމާލެ މެޑިކަލް ފެސިލީޓީގައި 81 މީހުންނަށް ވޯޑުގައި ފަރުވާ ދެމުންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ލ. ގަން ކޮވިޑް ފެސިލިޓީގައި 2 މީހަކަށް ފަރުވާ ދެމުންދާ ކަމަށް ނަޒްލާ ވިދަޅުވިއެވެ.

ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ ތަފްސީލް ހާމަ ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ، ވެންޓިލޭތަރުގައި އެއްވެސް މީހަކަށް ފަރުވާ ދެމުން ނުދާ ކަމަށެވެ.

މި ވަގުތު ރާއްޖޭގައި ޖުމްލަ 86 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އިރު މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި ތިބީ 344 މީހުންނެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،608 އަށް އަރާފައެވެ.އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،599 އަށް އަރާފައެވެ.