ހަނަފަސްކަން ކުރިމަތިވެ، ސައުދީ އަރަބިއްޔާގެ އެކި ކަންކޮޅުތަކުގައި މިއަދު އިސްތިސްގާ ނަމާދު ކޮށްފިއެވެ.

ފެން ދަތިވެއްޖެނަމަ، ނުވަތަ ވާރޭ ވެހުން ލަސްވަނީނަމަ ވާރޭ ވެއްސެވުމަށް އެދި ނަމާދުކޮށް ދުއާކުރުމީ ސުއްނަތެކެވެ.

އިސްތިސްގާ ނަމާދުގެ ކުރިން، ޝައިހު ޔާސިރު ދޫސަރީ ވަނީ، މުސްލިމުންނާ މުހާތަބު ކުރައްވާ، އަމަލުތައް ބަހައްޓަންވީ ގޮތާ ބެހޭ މައުލުމާތު ހިއްސާ ކުރައްވާފައެވެ. އެގޮތުން، ފެނަށް ދަތިވެފައިވާ މި ދަނޑިވަޅުގައި، ކުރެވިފައިވާ ފާފަތަކުން ތައުބާވެ، ﷲ ގެ މަގަށް ރުޖޫއަވާން ޖެހޭ ކަމަށް ޝައިހު ޔާރިސު ދޫސަރީ ވަނީ ހަނދާން ކޮށްދެއްވާފައެވެ.

19 ނޮވެމްބަރު، 2020 ގައި ސައުދީގައި ކުރި އިސްތިސްގާ ނަމާދުގެ ތެރެއިން / ފޮޓޯ: ހަރަމައިން އިންފޯ | ޓްވިޓާ

ޝައިޚް ޙުސައިން ރަޝީދު އަޙްމަދު ލިޔުއްވާފައިވާ "ސުއްނަތް ވެގެންވާ ދުޢާ 2" އާ ހަވާލާދީ، ނޫރުލްއިސްލާމް ވެބްސައިޓްގައި ބަޔާން ކޮށްފައި ވާ ގޮތުގައި، މޮޅުގޮތަކީ ބޮޑުޖަމާޢަތެއްގައި އެރަށެއްގެ ކުދިބޮޑު އެންމެން ޖަމާވެ ނަމާދުކުރުމަށްފަހު އިމާމުމީހާ ހުތުބާ ދިނުމެވެ. ހުތުބާގެ އިތުރުން ނަމާދުގެ ފަހުގައި ދުއާކުރުން އޮންނަ އިސްތިސްގާ ނަމަދަކީ، 2 ރަކުއަތުގެ ނަމާދެކެވެ.

މުސްލިމުންގެ މުގައްދަސް މަސްޖިދު އަލް-ހަރަމްގައި، އިމާމްވެ އިސްތިސްގާ ނަމާދު ކުރެއްވީ ޝައިހު ޢަބްދުﷲ ޖުހާނިއެވެ. މަސްޖިދު އަލް-ހަރަމްގައި ކުރިއަށްދިޔަ އިސްތިސްގާ ނަމާދުގައި ބައިވެރިވުމުގެ ފުރުސަތު، މިހާރު އުމްރާވަމުންދަ ފަރާތްތަކަށްވެސް ވަނީ ލިބިފައެވެ.

19 ނޮވެމްބަރު، 2020 ގައި ސައުދީގައި ކުރި އިސްތިސްގާ ނަމާދުގެ ތެރެއިން / ފޮޓޯ: ހަރަމައިން އިންފޯ | ޓްވިޓާ

މަސްޖިދު އަލް-ހަރަމްގެ ޖަމާއަތުގައި، މައްކާގެ ގަވަރުނަރު ޕްރިންސް ހާލިދު ބިން ފައިސަލްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.