ވިންޑްސާފިން ބޯޑެއްގައި ދަތުރު ކުރަނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ދެ މީހުން ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ވިންޑްސާފިން ބޯޑެއްގައި ކަނޑު މައްޗަށް ނިކުތް ފަހުން ހަބަރެއް ނުވެގެން ހޯދަމުންދިޔަ ދެ މީހުން ލ. މާމެންދޫ ކައިރިން ކަނޑުމަތިން ފެނިފައިވާ ކަމަށެވެ.

އެ ދެ މީހުން މިހާރު ކޯސްޓް ގާޑު ލޯންޗަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެހާދިސާ މޯލްޑިވްސް ޕޮލޮސް ސާވިސްއިން އިތުރަށް ބަލަމުންދާ ކަމަށް އެމްއެންޑިއެފުން ބުނެއެވެ.

އެމްއެންޑިއެފުން ބުނީ އެދެމީހުންނަކީ ވިންޑްސާފިން ބޯޑެއްގައި ލ.މާމެންދޫއިން އެ އަތޮޅު ހިތަދޫއަށް ދަތުރު ކުރި ދެ ދިވެހިން ކަމަށެވެ.

އެކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އަބަދުވެސް ދަނީ އިލްތިމާސް ކުރަމުންނެވެ.

އެގޮތުން ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށާއި ދަތުރު ކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަ ހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރުމަށްވެސް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.

ހާއްސަގޮތެއްގައި މުދާ އުފުލާ އުޅަނދު ފަހަރު، އަތޮޅުތެރެއިން ރޭގަނޑު ދަތުރުކުރާ އިރު ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އިލްތިމާސް ކޮށަފައެވެ.

އަދި ލައިސަން ލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށާއި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.