ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ވެކްސިނަށް މިހާރު ވެފައި ވަނީ އެމެރިކާގެ މަލްޓިނޭޝަނަލް ފާމަސޫޓިކަލް ކުންފުނި، ފައިޒާއިން ތަރައްގީ ކުރަމުން އަންނަ ވެކްސިނެވެ.

ފައިޒާ ކުންފުންޏާއި ބައޮއެންޓެކް ކުންފުނި ގުޅިގެން ތަރައްގީ ކުރަމުން އަންނަ ވެކްސިންގެ 3 ވަނަ މަރުހަލާގެ ތަހުލީލުތައް 90 ޕަސެންޓް ކާމިޔާބު ކަމަށް ބުނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. މި ވެކްސިންގެ ފަހުގެ ހޯދުންތަކަށް ބަލާއިރު، ވެކްސިންގެ 2 ޑޯޒް ފުރިހަމަ ވާތާ 7 ދުވަސް އަދި ފުރަތަމަ ޑޯޒް ދޭ ތާ 28 ދުވަހުގެ ތެރޭގައި، ވައިރަހުގެ އިންފެކްޝަނަކާ ދެކޮޅަށް ދިފާއު ހޯދާދެއެވެ.

އުއްމީދީ ހަބަރަކާއެކު ދެން އިވިގެން ދިޔައީ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމަށް އެ ކުންފުނިން އިންޒާރު ދިން އަޑެވެ.

އަންކާރާ ޔުނިވަސިޓީގެ ސިއްހީ ހިދުމަތްތެރިއަކު ފައިޒާ އަދި ބައޮއެންޓެކް ކުންފުނިން ތަރައްގީ ކުރަމުން އަންނަ ކޮވިޑް-19 ވެކްސިން ސިރިންޖެއް ހިފައިގެން / ފޮޓޯ: އަނަދޯލޫ އޭޖެންސީ

ފައިޒާއިން ތަރައްގީ ކޮށްފައި ވާ، 90 ޕަސެންޓް ކާމިޔާބު ވެކްސިނަކީ މައިނަސް 70 ޑިގްރީ ސެލްސިއަސްގައި ބަހައްޓަންޖެހޭ ވެކްސިނެކެވެ. މިއީ އާންމު ކޮށް ހުންނަ ފިނިކުރާ އާލާތްތަކުގައި ހުންނަ މިންގަނޑުތަކަށް ވުރެވެސް ފިނި މިންގަނޑެއް ކަމުން، ސިއްހީ ބައެއް އޮފިޝަލުން ވަނީ، ފައިޒާގެ ވެކްސިންނަށް ބޭނުންވާ ޝަރުތުތަކަކާ މެދު ކަމްބޮޑުވުން ފާޅު ކޮށްފައެވެ.

ފައިޒާ ކުންފުނީގެ ގްލޯބަލް ޑްރަގް ސޭފްޓީ ރިސާޗް އެންޑް ޑިވަލޮޕްމަންޓްގެ ނައިބު ރައީސް ޑރ ޖޯން ބާކްހާޓް އޭރު ވިދާޅުވީ، 2 ޑޯޒް ގެ މައްޗަށް އެކުލެވިގެންވާ ފައިޒާގެ ވެކްސިނަކީ "ގަނޑުކޮށްފައިވާ" ހާލުގައި އެއްތަނުން އަނެއް ތަނަށް އުފުލަން ޖެހޭ ވެކްސިނަކަށް ވާއިރު، މިކަން މިގޮތަށް ކުރުމަށް ލޮޖިސްޓިކްސްގެ ގޮތުން ގޮންޖެހުންތަކަކާ ކުރިމަތިވާނެ ކަމަށެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކުރަމުން އަންނަ ވެކްސިން ޑޯޒްތަކެއް / ފޮޓޯ: ވީއޯއެކްސް

ޑރ ބާކްހާޓް ވިދާޅުވީ ފައިޒާގެ ވެކްސިނަކީ އިންތިހާ ފިނި މިނުގައި ފޯރުކޮށްދޭން ޖެހޭ ވެކްސިނެއް ކަމަށާ، ކުރު މުއްދަތުގެ ރާސްތާއަށް ބަލާއިރު ގޮންޖެހުންތަކެއް ކުރިމަތި ވާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ވެސް އޭނާ ވަނީ ހާމަ ކުރައްވާފައެވެ. މިކަމަށް ހާއްސަ، ތަޖުރިބާކާރުންގެ ޓީމެއް ފައިޒާގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށް ޑރ ބާކްހާޓް އޭރު ވިދާޅުވިއެވެ.

ހާސް ކަމެއް ނެތް: ބޫލާ

ފައިޒާއިން އަނެއްކާވެސް މި ވަނީ އުއްމީދީ ވާހަކަތަކެއް ހާމަ ކޮށްފައެވެ. ފައިޒާ ކުންފުނީގެ ސީއީއޯ އަލްބާޓް ބޫލާ ވިދާޅުވީ، ވެކްސިން ފޯރުކޮށްދިނުމަށް އިންތިހާ ފިނިމިން ބޭނުންވާ އިރު، މިހާރު އެކަމުގައި ހާސް ވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.

ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރަމުން އަންނަ ފައިޒާ ކުންފުނީގެ ސީއީއޯ އެލްބާޓް ބޫރްލާ/ފޮޓޯ: ސީބީއެސް

ކުރިންވެސް ދެންނެވި ފަދައިން، ވެކްސިނަކީ މައިނަސް 70 ޑިގްރީ ސެލްސިއަސްގައި ބަހައްޓަންޖެހޭ ވެކްސިނަކަށް ވާއިރު، މި ވެކްސިން ފޯރުކޮށްދޭނީ ހާއްސަ ފޮށިތަކެއްގައި ކަމަށް ބޫލާ ވަނީ ހާމަ ކުރައްވާފައެވެ. މި ފޮށިތަކަކީ، ފައިޒާގެ އިންޖިނޭރުންގެ މަސައްކަތެއް ކަމަށްވެސް ބޫލާ ތަފްސީލު ކޮށްދެއްވިއެވެ.

ފައިޒާގެ ވެކްސިން ފޯރުކޮށްދޭ ފޮށިތަކަކީ އައިސޯތާމެރިކް ފޮށިތަކެކެވެ. މާނައަކީ، އެއް މިންގަނޑެއްގައި ފިނިހޫނުމިން ހިފަހައްޓާ ގޮތަށް ފަރުމާ ކޮށްފައި ވާ ކަމެވެ. މި ފޮށިތައް ފަރުމާ ކޮށްފައި ވާނީ ފިނިހޫނު މިން ބަލަން ބޭނުން ކުރާ ތެމޯމީޓަރަކާއި، ލޮކޭޝަން ޓްރެކް ކުރާނެ ޖީޕީއެސް ޔުނިޓާ އެކުގައި ކަމަށްވެސް ބޫލާ ވިދާޅުވިއެވެ. އެހެން ކަމުން، ކޮންމެ ފޮއްޓެއް ހުރި ހިސާބާ، އޭގެ ފިނިހޫނުމިން ބެލެމުން ދާނެ ކަމަށް ބޫލާ ވިދާޅުވިއެވެ. ދަތުރު މަތީގައި ކަމެއް ދިމާވެ، ކަމެއް ގޯސްވި ނަމަވެސް އެ ވެކްސިނެއް ބޭނުން ނުކުރަން އެނގޭނެ ކަމަށް ބޫލާ ތަފްސީލު ކޮށްދެއްވިއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ފައިޒާއާއި ބައޮއެންޓެކް ގުޅިގެން ތަރައްގީ ކުރަމުން އަންނަ ވެކްސިން ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ފައިނޭންޝަލް ޓައިމްސް

ފައިޒާގެ ސީއީއޯ ވިދާޅުވީ، މިއިން ކޮންމެ ފޮއްޓަކީ ގާތްގަނޑަކަށް 1000-5000 ޑޯޒްގެ ވެކްސިން އުފުލޭނެ ފޮއްޓެއް ކަމަށެވެ. މި ފޮށީގައި ވެކްސިން އުފުލުމުން، ފިނިމިން ހިފެހެއްޓުމަށް އިތުރު ފުރިޖެއް ބޭނުން ނުވާނެ ކަމަށްވެސް ބޫލާ ވިދާޅުވިއެވެ. އެހެންކަމުން، އާންމުކޮށް ބޭނުން ކުރާ ކާރުތަކާ، ޓްރަކުތަކާ، މަތިންދާ ބޯޓާއި، އާގުބޯޓު ފަހަރުގައިވެސް މި ވެކްސިން އުފުލޭނެ ކަމަށް ބޫލާ ވިދާޅުވިއެވެ.

ބޫލާ ވިދާޅުވީ ފައިޒާގެ ވެކްސިނަކީ، އެމެރިކާގެ ކޮންމެ ހިސާބަކަށްވެސް އެއް ރެއިން ޑެލިވާ ކޮށްދެވޭނެ ވެކްސިނެއް ކަމަށެވެ. ސަރުކާރުން އެޑްރެހެއް ފޯރުކޮށްދިނުމުން، އަނއް ދުވަހު އެ ވެކްސިނެއް ޑެލިވާ ކުރެވޭނެ ކަމަށް ބޫލާ ވިދާޅުވިއެވެ. ވެކްސިން ޑެލިވާ ކުރާ ހިސާބުން، ހަފުތާތަކެއް ވަންދެން، ހާއްސަ ފޮށީގައި ވެކްސިން ޑޯޒްތައް ބެހެއްޓޭނެ ކަމަށާ، އަދި އެތައް މަހެއް ވަންދެން ފްރީޒަރުތަކުގައިވެސް ވެކްސިން ރައްކާ ކުރެވޭނެ ކަމަށް ބޫލާ ވިދާޅުވިއެވެ.

2021 ވަނަ އަހަރު 1.3 ބިލިއަން ޑޯޒް ފޯރު ކޮށްދިނުމަށް ފައިޒާއާއި ބައޮއެންޓުން ވަނީ އަމާޒު ހިފާފަ / ފޮޓޯ: ސީބިއެސް ނިއުސް

މިހާރު ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުމަކީ، ވެކްސިން ތައާރަފު ކުރާ ފުރަތަމަ ދުވަސްކޮޅު، ސަޕްލައި ކުރެވޭ ޑޯޒްގެ އަދަދު މަދުވުން ކަމަށްވެސް ފައިޒާ ކުންފުނިން ބުނެއެވެ.

ފައިޒާއާއި ބައޮއެންޓެކުން ވަނީ މިއަހަރު ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް 50 މިލިއަން ޑޯޒް ފޯރުކޮށްދެވޭނެ ކަމަށް އުއްމީދު ކުރާކަން ހާމަކޮށްފައެވެ. އަދި 2021 ވަނަ އަހަރު 1.3 ބިލިއަން ޑޯޒް ފޯރު ކޮށްދިނުމަށް އެ ކުންފުނިތަކުން ވަނީ އަމާޒު ހިފާފައެވެ.

ފައިޒާގެ ވެކްސިންގެ ފަހުގެ ހޯދުންތަކަށް ބަލާއިރު، ވެކްސިންގެ ފަހުގެ ހޯދުންތަކަށް ބަލާއިރު، ވެކްސިންގެ 2 ޑޯޒް ފުރިހަމަ ވާތާ 7 ދުވަސް އަދި ފުރަތަމަ ޑޯޒް ދޭ ތާ 28 ދުވަހުގެ ތެރޭގައި، ވައިރަހުގެ އިންފެކްޝަނަކާ ދެކޮޅަށް ދިފާއު ހޯދާދެއެވެ.