ސަރުކާރަށް 2 އަހަރުވީ އިރު ރައްޔިތުން ބިކަ ވެއްޖެ ކަމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ސަރަކާރަށް މިއަދު ދެ އަހަރު ވެފައިވާއިރު އެކަމާ ގުޅިގެން އަދުރޭ މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ސަރުކާރަށް 2 އަހަރުވީ އިރު ގައުމު ބަނގުރޫޓުވެއްޖެކަމަށާއި ރައްޔިތުން ބިކަވެ، ޒުވާނުން މަގުމަތިވެއްޖެ ކަމަށެވެ.
އޭގެ އިތުރުން މިނިވަންކަން ގެއްލި އަޅުވެތިވެއްޖެކަމަށާއި އިސްލާމްދީން ނިކަމެތިކޮށް ލާދީނިއްޔަތަށް މަގު ފަހިކޮށްފިކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. އަދި އަދުލު އިންސާފު ގެއްލިއްޖެ ކަމަށާއި އަނިޔާވެރިކަން އާންމުވެ ވައްކަން އިންތިހާއަށް ހިނގައްޖެ ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.
އަދުރޭ އެހެން ވިދާޅުވެފައިވާއިރު މި ސަރުކާރުން މިސަރުކާރުން ސިފަކުރަނީ ކާމިޔާބު ދެ އަހަރުގެ ގޮތުގައެވެ. ދައުލަތުގެ ގިނަ އިދާރާތަކުން ދަނީ މި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތައް އެކި ސިފަ ސިފައިގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންނާ ހިއްސާކުރަމުންނެވެ.
މިމަހުގެ 11 ވަނަ ދުވަހު ފާހަގަ ކުރި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބްކުރައްވާ ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ޤައުމީ ތަރައްޤީގެ 372 މަޝްރޫޢެއް މިހާތަނަށް ފަށާފައިވާއިރު، ޖުމްލަ 154 މަޝްރޫޢެއް މިހާރުވެސް ހިނގަމުންދާ ކަމަށެވެ. އަދި އިތުރު 156 މަޝްރޫޢެއް ފެށުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށާ މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނުހިންގާހާ ގިނަ ޢަދަދެއްގެ މަޝްރޫޢުތަކެއް ކަމަށެވެ.