މި ވެރިކަމުގައި ވޭތުވި ދުވަސްތަކަކީ އެހެން ވެރިކަމާ އަޅާ ބަޅާއިރު ދަތިކަމާއި ހިތާމަތައް މެދުވެރިވެ ބަދުނަސީބުގެ ކޮޅެއް ނެތް ދުވަސްތަކެއްގެ ގޮތުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.

މި ސަރުކާރަށް 2 އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މި ސަރުކާރުގެ ދެ އަހަރު ފުރިހަމަ ވެގެން އައި އިރު، ދަތިތަކާއި ހިތާމަ މެދުވެރިވީ ބަދުނަސީބުގެ ކޮޅެއް ނެތް ކޮޅަށް ކަމަށެވެ. ދުނިޔޭގެ އިގްތިސޯދާ އެކު ރާއްޖޭގެ އިގްތިސޯދު ވެސް ހުއްޓިގެން ދިޔަ ކަމަށާއި އެންމެ ޓޫރިސްޓެއް ވެސް ނައިސް ހުޅުލޭ އެއާޕޯޓު ބަންދު ކުރަންޖެހުނު ކަމަށް ނަޝީދު ވިދާޅުވިއެވެ. ދިރިއުޅުމަށް ކުރަމުން އައި ހުރިހާ މަސައްކަތެއް ހުއްޓާލައިގެ 7 މަސް ވޭތުކުރަން ޖެހުނު ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

"ދިރިއުޅުމަށް ކުރަމުން އައި ހުރިހާ މަސައްކަތްތަކެއް ހުއްތާލައި 7 މަސް މިވީ، މިއަށްވުރެ ހިތާމަވެރި ދުވަސްތަކެއް ދިވެހިރާއްޖޭގެ އެއްވެސް ވެރިއަކަށް ކުރަންޖެހިފައެއް ނެތް. އަޅުގަނޑުގެ ޒަމާންވީ ކުޑައިރުއްސުރެ އަޅުގަނޑުގެ ގާތް ރަހްމަތްތެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮންމެ ރެއަކު ނިދި ކުރައްވާނީ ހިތާމައިގައި. ކޮންމެ ރެއަކު"
ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގެ ވެރިކަން ކުރި އެއްވެސް ވެރިއަކަށް މިފަދަ ހިތާމަވެރި ދުވަސްތަކެއް ތަހައްމަލް ކުރަން ޖެހިވަޑައިގެންފައި ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ރައީސް ސޯލިހް ކޮންމެ ރެޔަކު ނިދި ކުރައްވާނީ ކީރިތި ކުރައްވަމުން ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ރައީސް ސޯލިހް ކީރިތި ކުރެއްވުމުން ބައެއް ފަރާތްތަކުން ހަޖޫ ޖަހާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ދުނިޔެއަށް ވެފައި އޮތް ގޮތް ފެނި ކޮން އިންސާނެއްތޯ ކަރުނަ ނާޅާނީ އައްސަވާ ނަޝީދު ސުވާލު ކުރެއްވިއެވެ. އެގޮތުން ރައީސް ސޯލިހް ޕެންޑަމިކްގެ މި ދުވަސްވަރު ކޮށްދެއްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަ ކުރައްވާ ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.

"މިއަދަކީ އެނގިވަޑައިގަންނަވާނެ އަދި ވަރަށް އުފާވެރި ދުވަހެއް، ދިވެހި ރާއްޖޭގެ ރައްޔިތުން ހުދުމުހުތާރު ކަމުން ވީއްލި އަނެއްކާވެސް ޑިމޮކްރެޓިކް ވެރިކަމަކަށް ދިވެހިން ފުރޮޅުނުތާ ދެވަނަ އަހަރު ފުރޭ ދުވަސް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކާމިޔާބު ސަރުކާރަށް 2 އަހަރުވާ ދުވަސް"
ރައީސް މުހައްމަދު ނަޝީދު

މިއަދަކީ ދިވެހިންގެ ހިތްތަކުގައި އޮތީ އިންސާފާއި، އަނިޔާވެރިކަމާ ދުރަށް ޖެހުމަށް ކަމަށާއި ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ވެރިން މަސައްކަތް ކުރުމަށް އެދޭކަން ހާމަކޮށް އަލުން އަނބުރާ އެމްޑީޕީގެ ވެރިކަމެއް ދެވަނަ ފަހަަރަށް އުފެދިގެން އައި ދުވަސް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރު އައިސް ރައީސް ސޯލިހް އެ ދުވަހު ހުވާ ކުރެއްވީ ރައްޔިތުންގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސައިދިނުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝިދު ވިދާޅުވީ، އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް ތިއްބެވީ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަށް ހެދުމަށްޓަކައި ކަމަށެވެ. އަދި އެމްޑީޕީއަކީ ވައުދު ފުއްދާ ޕާޓީއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޕެންޑެމިކްގައި ސަރުކާރުގެ ވަޒީފައި ގައި ތިބި މުވައްޒަފުންގެ މުސާރައިން އެންމެ ރުފިޔާއެއްވެސް އުނި ނުކުރާ ކަމަށާއި ވަޒީފާ ގެއްލުނު ފަރާތްތަކަށް މި ސަރުކާރުން އެހިތެރިކަން ފޯރުކޮށްދީފައިވާ ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ. ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް އަދި އިގްތިސޯދު ރަނގަޅު ކުރުމަށް އަލުން އަނބުރާ ޓޫރިޒަމް މަސައްކަތްތައް ފެށައި މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް ނަޝީދު ފާހަގަ ކުރެއްވިއެވެ.