2021 ވަނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ހަމަޔަކަށް ނޭޅި، ރަތް ކާޑު ދައްކާ ދަނޑުން ބޭރު ކުރަންޖެހޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އިއްޔެގެ މަޖިލީހުގައި ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެ ބަޖެޓުގެ ސަބަބުން އިތުރަށް ދިވެހިން ދަރަނިވެރިވާނެ ކަމަށާއި ބޭރުގެ އިންވެސްޓަރުންވެސް ނާންނާނެ ކަމަށެވެ. އަދި އެ ބަޖެޓުން އެނގެނީ ގައުމުގެ އިގްތިސޯދު ހަމަމަގަށް އެޅުވޭފަދަ އިގްތިސޯދީ ސިޔާސަތެއް، ރަނގަޅު ފްރޭމްވޯކެއް ސަރުކާރުގައި އެކުލަވާލެވިފައި ނުވާކަން ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ 2018 ވަނަ އަހަރު އިގްތިސޯދު އޮތީ ސްޓޭބަލްކޮށް ކަމަށައި އޭރު އޮތްގޮތުން ދައުލަތުގެ ބަޖެޓް 2020 އަށް ލަފާކޮށްފައި އޮތީ ސާޕްލަސް ބަޖެޓަކަށް ކަމަށެވެ. 2018 ވަނަ އަހަރާ ބަލާއިރު ޖީޑީޕީ މިހާރު ވަނީ ވަރަށް ބޮޑުތަނުން ދަށްވެ، ބޮލަކަށްޖެހޭ ދަރަނި އިތުރަށް މަތިވެފައި ކަމަށާއި ދިވެހިން މިހާރު ތިބީ ދަރަނިވެރިވެފައި ކަމަށެވެ.
މިހާލަތުގައި އިގްތިސޯދު ރަނގަޅު ކުރުމަށް ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުގެ އަމާޒު ހިފަންޖެހޭނީ ޕީއެސްއައިޕީގެ އިތުރުން އިންސާނީ ވަސީލަތްތައް ގާއިމު ކުރުމަށާއި ބޯހިޔާވަހިކަމަށާއި ވަޒީފާ ނެތް ފަރާތްތަކަށާއި ޒުވާނުންނާއި މަސްވެރިކަމާއި ދަނޑުވެރިކަމަށެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންވެސްޓް ކޮށްދީ، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން އުފެއްދުންތެރިކަން އިތުރުވާނެގޮތަށް ފޯރުކޮށްދިނުމަށާއި އަވަހަށް ފައިދާކުރާނެ، ނަފާ ލިބޭނެ ހަރަކާތްތަކެއް ހިންގާ އިންވެސްޓްކޮށްދީގެން ކަމަށްވާ ނަމަވެސް އެ ބަޖެޓުން އެކަންކަން ހާސިލުވާތަން ނުފެންނަ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް އޮފީހުގެ ބަޖެޓް 2018 ވަނަ އަހަރު 106 މިލިއަންގައި ހިފެހެއްޓުނުއިރު، އަންނަ އަހަރު 171 މިލިއަނަށްވަނީ މަތިވެފައި ކަމަށެވެ. އަންނަ އަހަރަށް 182 ސިޔާސީ މަގާމް އަލަށް އުފައްދަވާފައިވާތީ ސިޔާސީ މީހުން މާބޮޑަށް އިތުރު ވެފައިވާ ކަމަށައި އޭގެ ބަދަލުގައި މަސްވެރިންނާއި ދަނޑުވެރިންނާ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކުރަން ހަރަދު އިތުރުކުރަންޖެހޭ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އިދާރީ ހިންގުމުގެ ހަރަދު ކުޑަކުރަންޖެހޭ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ހަމައެއާއެކު 34.7 ބިލިއަންގެ ބަޖެޓެއް ހުށަހަޅާއިރު، ލިބޭއާމްދަނީއަކީ 17.8 ބިލިއަން ރުފިޔާ ކަމަށާއި 15.5 ބިލިއަން ރުފިޔާއަކީ ދަރަނި ކަމަށްވުމުން ޕީއެސްއައިޕީ މަދުނުކޮށް، ސަރުކާރުގެ ރިކަރެންޓް ހަރަދު ކުޑަކޮށް، ދަރަނި ކުޑަ ކުރުމަށްޓަކައި 25 ބިލިއަނަށް ބަޖެޓް ކުޑަކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.