މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުން ޕާކިން ފީގެ އިތުރުން އިތުރު ޗާޖެެއް ނެގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި އަންނަ އަހަރު އާމްދަނީ ހޯދާނެ ގޮތްތަކުގެ ތެރޭގައި ކޮންޖެޝަން ޗާޖު ނެގުމަށް ނިންމައިފައި ވުމާ ގުޅިގެން އެ މިނިސްޓްރީން ބުނީ އެ ޗާޖު ނަގާނީ އުޅަނދުތަކުގެ އަހަރީ ފީ ނެގުމަށް ކަނޑައަޅައިފައިވާ ރޭޓުތަކުގައި ކަމަށެވެ.

މަގުތަކުގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ބޮޑެތި ހަރަދުތަކެއް ހިނގާ ކަމަށާއި އޭގެ ތެރޭގައި އެކްސިޑެންޓްތައް ގިނަވުމާއި ވައި ނުސާފުވުމާ ގުޅިގެން ކުރަން ޖެހޭ ހަރަދުތަކާއި މަގުތަކުގެ ކެޕޭސިޓީއަށް ވުރެ ގިނައިން އުޅަނދު ދުއްވުމުން މަގުތަކަށް ގެއްލުންވެ، މަރާމާތަށް ގިނަ ހަރަދުތައް ކުރަން ޖެހޭ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮންޖެޝަން ޗާޖާއި ޕާކިން ފީގެ ގޮތުގައި އަންނަ އަހަރު 37 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައި ވެއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ 2018ގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖޭގައި ބޭނުންކުރާ ވެހިކަލްތަކުގެ ތެރެއިން 68 ޕަސެންޓަކީ މާލެ ސަރަހައްދުގައި ބޭނުންކުރާ ވެހިކަލެވެ. އަދި އަލަށް ރަޖިސްޓަރީކުރާ އުލަނދުތައް އަހަރަކު އަށް ޕަސެންޓު ދަނީ އިތުރުވަމުންނެވެ.

2021 ވަނަ އަހަރުގައި ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 17،792 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު، އަންނަ އަހަރަށް އަލަށް ހުށަހަޅާ ކަންކަމަށް 1،218 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް އަންދާޒާކޮށްފައިވެއެވެ. އޭގެ ތެރޭގައި ކޮންޖެޝަން ޗާޖާއި ޕާކިންގ ފީ އިން ލިބޭނެކަމަށް ލަފާ ކޮށްފައިވާ އާމްދަނީ ހިމެނެއެވެ.