ބިޒްނަސް އިމޭޖް ގުރޫޕް (ބިގް) ކުންފުނިން ޖަމާކުރަން ދިޔަ ދެ މިލިއަން ރުފިޔާއާ ގުޅިގެން މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެމައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުގައި އެދިއްޖެއެވެ.
އޭސީސީން މި މައްސަލަ ތަހުގީގުކޮށް ދިނުމަށް ފުލުހުގައި އެދިފައި ވާއިރު، އެ މައްސަލައާ ގުޅިގެން އޭސީސީން ތައްޔާރު ކުރި ރިޕޯޓެއް އެ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. ބިގް ކުންފުންޏަކީ ސަރުކާރުގެ އިސް އޮފިޝަލަކު ވެސް ހިމެނޭގޮތަށް އޮފިޝަލުންތަކެއްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ އެ ރިޕޯޓުގައި ވާގޮތުން މިއަހަރުގެ މާޗު މަހުގައި ބިގް ކުންފުނިން 2.15 މިލިއަން ރުފިޔާ ފައިސާ ޖަމާ ކުރުމަށް ބީއެމްއެލްއަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ފައިސާ ލިބުނު ގޮތެއް ހާމަ ކުރުމަށް އެދުމުން ބޭންކަށް ހިއްސާކުރި ލިޔެކިޔުންތަކުން ބީއެމްއެލްއަށް އެކަށީގެންވާ މިންވަރަށް އެ ފައިސާގެ އަސްލު ޔަގީން ނުވާތީ އެ ފައިސާ އެ ބޭންކުން ޖަމާކޮށްދީފައި ނުވާ ކަމަށް ނަޝިދު ވިދާޅުވިއެވެ.
ނަމަވެސް އޭގެ ފަހުން ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ ބިގް ކުންފުނީގެ އެކައުންޓަށް މިދިޔަ މާޗް 16 ވަނަ ދުވަހު އެ ފައިސާ ޖަމާކޮށްފައިވާކަން ލިޔުންތަކުން އެނގޭ ކަމަށް އޭސީސީގެ ރިޕޯޓާ ހަވާލާ ދީ ނަޝީދު ވިދާޅުވިއެވެ.
ސިޔާސީ ގޮތުން މަތީ ފަރާތްތަކަކާ ގުޅުން ހުރި ކުންފުންޏެއްގެ އެކައުންޓަކަށް ބޮޑު އަދަދެއްގެ ނަގުދު ފައިސާ ޖަމާ ކޮށްފައިވާތީ އާއި އެ ފައިސާ ދިން ކަމަށް ބިގުން ބުނެފައިވާ ސިންގަޕޫރުގެ ކުންފުނީގެ އަސްލު ހޯދިފައި ނުވާތީ އެ ފައިސާގެ އަސްލު ޔަގީން ކުރުމަށް އެ މުއާމަލާތާއި ގުޅިގެން އެމްއެމްއޭއިން ވަނީ އެސްޓީއާރެއް އިޝޫ ކޮށްފައެވެ. އެ އެސްޓީއާރުގައި ބަޔާންކުރާ މަނީ ލޯންޑަރިންގެ ކުށުގެ އަމަލުތައް ހިމެނޭތޯ ބެލުމަށް ފުލުހުންނަށް އެ މައްސަލަ ހުށަހަޅަން އޭސީސީން ވަނީ ނިންމާފައެވެ.
ބިގް ކުންފުނީގެ ހިއްސާ އޮންނަ ފަރާތްތަކުގެ ތެރޭގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން އިސްމާއިލް އާއި ރައީސް އޮފީހުގެ ފޮޓޯގްރަފާ މުންޝިދު މުހައްމަދު ހިމެނެއެވެ.