ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމްއާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އައްސަދު ޝަރީފެވެ.

މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ނިންމައިދިނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރު ކަން ޔައުގޫބް ގަބޫލު ކުރެއްވި މައްސަލައިގައެވެ.

ޔައުގޫބު އެ މަގާމާ ހަވާލު ވުމަށްފަހު، ފަހުން އޭނާ ވަނީ އިސްތިއުފާދެއްވާފައެވެ. ނަމަވެސް މަގާމާ ހަވާލުވެވަޑައިގެން މަގާމުގެ ފަތްކޮޅާވެސް ޔައުގޫބު ހަވާލުވެވަޑައިގަތެވެ.

އެ މައްސަލަ ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި ހުސްނުއްސުއޫދު އިންނަވާ ގޮތަށް އައިޝާ ޝުޖޫން އާއި ޑރ. މުހައްމަދު އިބްރާހިމާއި އަލީ ރަޝީދާއި މަހާޒް އަލީ ޒާހިރެވެ.

މި މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލްގެ މެމްބަރުކަމަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ 8 ގައި ބަޔާންކުރާފަދަ ދައުލަތުގެ ވަޒީފާއެއް ނުވަތަ ހަމަ އެއަކުރުގެ 3 ގައި ބަޔާންކުރާފަދަ މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް ކަމަށް ބަލާނޭ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

އޭގެ އިތުރުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދާކުރުން މަނާ ވަޒީފާއެއް އަދާކޮށްފި ނަމަ އެ މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެކަމަށް ބަލާނޭ ހަމައެއްނެތް ކަމަށް ވެސް މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ.

ސުއޫދު ވިދާޅުވީ ރާއްޖޭގައި ހަރަކާތްތެރިވާ ފަންނުވެރި ޖަމާއަތްތަކުގެ ތެރެއިން ބައެއް ޖަމާއަތްތަކަށް ގާނޫނީ ހައިސިއްޔަތު ދީ ގާނޫނީ އޮނިގަނޑެއް މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ މުއައްސަސާތަކަކީ ދައުލަތުގެ މުއައްސަސާތަކެއް ނޫން ކަމަށާއި ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރާ އިދާރާއެއް ވެސް ނޫން ކަމަށެވެ.

ޗާޓަޑް އެކައުންޓެންޓުންގެ އިސްޓިޓިއުޝަންގެ ކައުންސިލްގައި ޔައުގޫބު އަދާކުރެއްވި ވަޒީފާއަކީ ދައުލަތުގެ ވަޒީފާއެއް ކަމަށް ބަލާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ފަނޑިޔާރު ސުއޫދު ވަނީ ވިދާޅުވެފައެވެ. އަދި އެއީ މަނާ ވަޒީފާއެއް ނޫން ކަމަށް ވަނީ ކަނޑައަޅާފައެވެ. އެކަމަށް ހުރިހާ ފަނޑިޔާރުންވެސް ވަނީ ތާއީދު ކުރައްވާފައެވެ.

ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް އަކީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދިފައިވާ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރާއި އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހުސެކެވެ.