މިއަދު ރައްޔިތުންގެ މަޖިލީހުގައި 2021 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓު ބަހުސް އަށްފަހު ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އިމްރާނުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސަށް ދެ ގަޑިއިރު ދިނުމަށް އާންމު ކޮމިޓީއިން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ދެގަޑިއިރުގެ ތެރެއިން ފަށާއިރުއާއި މެދުތެރެއިން އަދި ނިންމާއިރު މިނިސްޓަރަށް 10 މިނެޓް ލިބިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ބަޖެޓުގެ ބަހުސް ހަމަ ނިމުމާއި އެކުގައި އެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށް ރައީސް ނަޝީިދު ވިދާޅުވިއެވެ.

އިދިކޮޅުން އިމްރާނުގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ 11 މެމްބަރުންގެ ސޮއާއެކުއެވެ.

މިނިސްޓަރު އިމްރާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައިވަނީ ސަފާރީ ކޭސްއާ ގުޅިގެން އިމްރާން ދެއްކެވި ވަހަކަތަކާއި މަޖިލީހަށް އިތުރުފުޅު ހެދި ކަމަށް ބުނާ މައްސަލައިގައެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހަށޭ ބުނާނަން" ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން މިނިސްޓަރު އިމްރާނަށް ގިނަބައެއްގެ ފާޑުކިއުންތައްވަނީ އަމާޒުވެފައެވެ.

އެޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވަނީ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި، މިއަހަރުގެ ޖޫން މަހު ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން މިނިސްޓަރު އިމްރާން ވިދާޅުވީ، އެންމެ ފުރަތަމަ އެ ހާދިސާގެ ވާހަކަ އަޑުއިވި ވަޑައިގަތުމުން ހީ ކުރެއްވީ އެއީ ވަރަށް ބޮޑު ރޭޕް ކޭސްއެއް ކަމަށެވެ.

އެ ހާދިސާ މާ ބޮޑު ކަމަކަށްވީ އެކަން ރިޕޯޓު ކުރި ގޮތުން ކަމަށާއި އެހާ ބޮޑުކޮށްލައިގެން ދެއްކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މައްސަލައަކީ އަޑު ފެތުރުނު މިންވަރުގެ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަމަކީ އާންމު ތަނެއްގައި ހުރެފަވެސް ކޮށްލެވޭވަރު ކަމެއް ކަމަށާއި، އަދި ކުރީމަ ކަމެއް ކުރިކަންވެސް ނޭނގޭ ކަހަލަ ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތުގައި އުސޫލީ މައްސަލަތަކެއް ހުރެދާނެ ކަަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.