މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ) ގެ މި އަހަރުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ "ފަހިވޯޓު" މެދުވެރިކޮށް މިއަދު ބާއްވައިފިއެވެ.
އެމްޓީސީސިން ބުނީ މިއަދު ބޭއްވި އެ ކުންފުނީގެ މި އަހަރުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރު ކަމުގެ މަގާމަށް ހުސްވެފައިވާ އެއް ގޮނޑިއަށް ޑިރެކްޓަރަކު ވަނީ އިންތިހާބު ކޮށްފައި ކަމަށެވެ. އެ ޑިރެކްޓަރު އިންތިހާބު ކޮށްފައިވަނީ ހިއްސާދާރުންގެ މެދުގައި ނެގުނު ވޯޓަކުން ކަމަށް ކުންފުނިން ބުނެއެވެ.
އެ ގޮތުން އެމްޓިސީގެ ޑިރެކްޓަރުގެ މަގާމަށް މުހައްމަދު އިމްރާން އަދުނާން، މ. މެއިންޒް ވަނީ އިންތިހާބު ވެވަޑައިގެންފައެވެ.
އެމްޓީސީސީ ހިންގާ ގަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކުންފުނީގެ މިހާރުގެ ހިއްސާގެ ނިސްބަތަށް ބަލައި ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން ދެ ޑިރެކްޓަރުން އިންތިހާބު ކުރަންޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެގޮތުން ދެ ޑިރެކްޓަރުންގެ ތެރެއިން އެއް ޑިރެކްޓަރަކު މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުނު 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވަނީ އިންތިހާބު ކުރެވިފައެވެ.
މިއަދު އެ ކުންފުނިން ބޭއްވި މި ޖަލްސާގައި އެ ކުންފުނީގެ 14 ހިއްސާދާރުން ބައިވެރިވިއެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 269 ހިއްސާދާރުން ބައިވެރިވިއެވެ. އެހެންކަމުން ޖަލްސާގައި މުޅިއެކު 283 ހިއްސާދާރުން ވަނީ ބައިވެރިވެފައިވާއިރު އެއީ 5,577,217 ހިއްސާ ކަމަށް އެ ކުނފުނިން ބުނެއެވެ.