އިތުރު ފަސް އަހަރުގެ މުއްދަތަށް ޗައިނާއިން "ސިނަމާލެ" ބްރިޖާ ހަވާލުވެއްޖެއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ލޯނު ހިމެނޭ ގޮތަށް އަޅައިދިން ބްރިޖު ބަލަހައްޓައި ދޭން ސީސީސީސީ ކުންފުންޏާ ހަވާލުކޮށްފައި އޮތީ ދެ އަހަރަށެވެ. އެ ދެ އަހަރުގެ މުއްދަތު ހަމަވުމާއެކު އިތުރު ފަސް އަހަރު ދުވަހު ބްރިޖް ބަލަހައްޓައި ދޭން މިހާރު ވަނީ ހަވާލުވެފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި "ބްރިޖް މެއިންޓަނަންސް" އަށް ފައިސާ ހިމަނާފައި ނުވާއިތު ޗައިނާއިން އިތުރު ފަސް އަހަރު ދުވަހަށް ބްރިޖު ބަލަހައްޓަން ހަވާލުވުމާއެކު މެއިންޓެނަންސް ކަންކަމަށް ހަރަދު ކުރާނީ އެ ގައުމުން ރާއްޖެއަށް ދީފައިވާ "ގްރާންޓް އެސިޓެންޓް" ގެ ތެރެއިންނެވެ.
ކުރީގެ ސަރުކާރުން ނިންމާފައި އޮތީ އިލެކްޓްރޯނިކް ނިޒާމެއް ގާއިމްކޮށް ބުރިޖު މަތިން ވެހިކަލުތައް ދަތުރުކުރާ އިރު ޓްރެފިކަށް މަޑުކުރަން ނުޖެހޭނެ ގޮތަށް ފީ ނެގުމުގެ ކަންތައްތައް ކުރިއަށް ގެންދާށެވެ. ޓޯލް ފީ ނަގާނެ ނިޒާމެއް ހަމަޖެއްސުމަށް އޭރު ބަޖެޓުގައި 56 މިލިއަނަށްވުރެން ގިނަ ރުފިޔާ ވެސް ހިމެނިއެވެ. ނަމަވެސް މި ސަރުކާރަށް ދެ އަހަރު ވެގެން ދިޔައިރު ވެސް ފީ ނަގާނެ ޓޯލް ނިޒާމެއް ގާއިމްކޮށްފައެއް ނުވެއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ރޭ ވިދާޅުވީ ބްރިޖް ބޭނުން ކުުރުމުގައި ފީ އެއް ނެގުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބްރިޖުގެ ހިދުމަތަކީ ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާކަން ފާހަގަކުރައްވާ ވިދާޅުވީ ކޮންމެ ސަރުކާރެއްގެ ވެސް އެންމެ މުހިއްމު މަސްއޫލިއްޔަތަކަށް ވާންވާނީ އެ ރައްޔިތުންނަށް ފަސޭހައިން އަސާސީ ހިދުމަތް ލިބޭނެ މަގެއް ހޯދައިދިނުން ކަމަށެވެ.
ސިނަމާލޭ ބްރިޖް ހުޅުވާފައި ވަނީ 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. ބްރިޖުގެ ދިގު މިނުގައި ދެ ކިލޯ މީޓަރު އަދި ފުޅާ މިނުގައި 20.3 މީޓަރު ހުރެއެވެ. ސިނަމާލެ ބްރިޖު އަޅަން ޗައިނާގެ ހިލޭ އެހީ ހިމެނޭ ގޮތަށް 200 މިލިއަން ޑޮލަރު ހޭދަކުރި އެވެ.