ހައްދު ފަހަނަ އަޅާފައިވާ، ހަތިޔާރު އެޅި، ހަނގުރާމަވެރި، އަލްގައިދާ ޖަމާއަތުގެ އިސް ލީޑަރަކު، މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި އީރާނުގެ ވެރިރަށް ތެހްރާންގައި މަރާލާފައި ވާ ކަމަށް ދައުރުވަމުން ދާ ރިޕޯޓްތައް އީރާނުން ދޮގު ކޮށްފިއެވެ.
އަލްގައިދާގެ 2 ވަނައަށް އެންމެ އިސް ލީޑަރު ކަމަށް ބުނާ، ޢަބްދުﷲ އަހުމަދު ޢަބްދުﷲ މަރާލާފައި ވަނީ، އެމެރިކާގެ އޯޑަރަކަށް، އިސްރާއީލުގެ އޭޖެންޓުންތަކެއް ކަމަށް ނިއުޔޯކް ޓައިމްސް އިން ވަނީ ރިޕޯޓް ކޮށްފައެވެ. އޭނާ މަރާލާފައި ވަނީ އީރާނުގެ މަގެއްގެ މަތީގައި ކަމަށްވެސް އަޑުތައް ފެތުރެނެވެ.
މި ރިޕޯޓް ދޮގު ކުރަމުން އީރާނުން ބުނީ، އަލްގައިދާގެ އެއްވެސް "ޓެރަރިސްޓެއް" އީރާނުގެ ފަސްގަނޑުގައި ދިރިއުޅެމުން ގޮސްފައި ނުވާނެ ކަމަށެވެ.
ޢަބްދުﷲ އަކީ، އެފްރިކާގައި ހުންނަ އެމެރިކާގެ އެމްބަސީތަކަށް އަމާޒުކޮށް، 1998 ވަނަ އަހަރު، ނުރައްކާތެރި ހަމަލާތަކެއް ދިނުމަށް ރޭވި ކަމުގެ ތުހުމަތު އަމާޒުވާ މީހާއެވެ. މި ހަމަލާތަކުގައި 224 މީހެއްގެ ފުރާނަ ގެއްލުނެވެ.
އެމެރިކާގެ ޖާސުސީ މަސްދަރުތަކަކާ ހަވާލާދީ ކަމަށް ބުނެ ނިއުޔޯކް ޓައިމްސްއިން ރިޕޯޓް ކުރި ގޮތުގައި، އަބޫ މުޙައްމަދު އަލް-މަސްރީގެ ނަމުންވެސް މުހާތަބު ކުރާ ޢަބްދުﷲ މަރާލާފައި ވަނީ، އޭނާގެ އަންހެން ދަރިފުޅާވެސް އެކުގައެވެ. ބަޑިޖަހާ، އެ ދެބަފައިން މަރާލީ، މީހުން މަރަން ތަމްރީނުވެފައިވާ 2 މީހަކު، ސައިކަލުގައި ގޮސްގެން ކަމަށާ، މިކަމެއް ހިނގީ އޯގަސްޓް 7 ވަނަ ދުވަހު ކަމަށެވެ.
ޢަބްދުﷲ ގެ މަރު ފޮރުވުމަށް އީރާނުން މަސައްކަތް ކުރި ކަމަށާ، އޯގަސްޓް 7 ވަނަ ދުވަހުގެ ހާދިސާގައި މަރުވީ ލުބްނާނުގެ ހިސްޓްރީ ޕްރޮފެސަރަކާއި އޭނާގެ ދަރިފުޅު ކަމަށް އީރާނުން ހަބަރު ފެތުރި ކަމަށްވެއެވެ.
މި ވާހަކަތައް ދޮގު ކުރަމުން އީރާނުގެ ހާރިޖިއްޔާއިން ބުނީ، އިރާނާއި (ޓެރަރިސްޓް) ގުރޫޕުތައް ގުޅުވުމަށް އެމެރިކާއާއި އިސްރާއީލުގެ ސަރުކާރުން ތަކުރާރުކޮށް މަސައްކަތް ކުރާ ކަމަށެވެ. އެއީ މެދުއިރުމަތީގައި ހިންގާ ޖިނާއީ ޖަރީމާތަކާ، އެހެނިހެން ޓެރަރިސްޓް ޖަމާއަތްތަކުގެ އަމަލުތަކުގެ ޒިންމާ އުފުލުމުން ބަރީއްއަވުމަށް، ދިގު މައުލޫމާތު ފެތުރުމަށް ހިންގާ އަމަލެއް ކަމަށްވެސް އީރާނުގެ ހާރިޖިއްޔާއިން ވަނީ ސިފަކޮށްފައެވެ.
އެމެރިކާގެ ޖާސޫސީ މަސްދަރުތަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ބުނާ ގޮތުގައި 2003 ވަނަ އަހަރުން ފެށިގެން، މިނިވަންކަމާއެކު ޢަބްދުﷲ ދިރިއުޅެމުން ގޮސްފައި ވަނީ އީރާނުގައެވެ.
ކަން މިހެން އޮތްއިރު، އީރާނާއި އަލްގައިދާގެ ގުޅުމުގެ ވާހަކަ ދެއްކުމަކީ މުޅިން ދެކޮޅު ޖެހޭ ބުނުމެއް ނޫންކަން ފާހަގަ ކުރަންޖެހެއެވެ. އެހެނީ، އީރާނާއި އަލްގައިދާއަކީވެސް ދެބަސްވުންތަކާއި ތަޅާފޮޅުންތައް ހިންގާ ބަޔަކަށް ވާ ކެވެ.
އީރާނުގައި އިސްރާއީލުގެ އޭޖެންޓުން ހިންގި އޮޕަރޭޝަނެއްގައި ޢަބްދުﷲ މަރާލާފައި ވާ ކަމަށް އެމެރިކާގެ މީޑިއާއިން އަޑު ފަތުރާފައިވާއިރު، އެމެރިކާގެ ތަހުގީގީ އިދާރާ (އެފްބީއައި) އިން އެންމެ ހޯދަން ބޭނުންވެފައިވާ ޓެރަރިސްޓުންގެ ލިސްޓުގައި އަދިވެސް ޢަބްދުﷲގެ ނަން އެބައޮތެވެ. އޭނާ ހައްޔަރު ކުރުމަށް މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް، 10 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށްވެސް އެފްބީއައި ވަނީ އިއުލާން ކޮށްފައެވެ.