މިއަހަރުގެ "ޓީޓީއެމް މޯލްޑިވްސް" ވާޗުއަލްގެ މެއިން ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ވާޗުއަލްގެ މެއިން ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު އުރީދޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ. އަދި އޯކާ މީޑިއާ ގުރޫޕްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.

މި އެއްބަސްވުމާ އެކު އުރީދޫން ރާއްޖޭގެ ފަތުރުވެރިކަމަށް އެހީތެރިވެދޭނެއެވެ. އުރީދޫ މޯލްޑިވްސްއިން ވަނީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ޑެސްޓިނޭޝަން މާކެޓިން ކެންޕެއިނެއްވެސް ލޯންޗްކޮށްފައެވެ. މި ކެންޕެއިންގެ ތެރެއިން އުރީދޫގެ އަމާޒަކީ ދުނިޔޭގެ 10 ގައުމަކުން 117 މިލިއަން މީހުންނާއި ހަމައަށް ވާސިލްވެ ރާއްޖެ ޕްރޮމޯޓްކުރުމެވެ.

ޓީޓީއެމް ފެއާއަކީ ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ފެއާއެވެ. މި ފެއާގައި 150 ރިސޯޓް އަދި ހޮޓެލްއާ 200 އޮޕަރޭޓަރުން ބައިވެރިވާނެއެވެ. މިއީ ޓީޓީއެމް މޯލްޑިވްސުން މި ފެއާ ބާއްވާ 4 ވަނަ ފަހަރެވެ.

ޓީޓީއެމްގައި ބައިވެރިވާ އެގްޒެބިޓަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެތެރޭގައި "ކަނެކްޓް" ސޮޕްޓްވެއާ ބޭނުން ކުރުމުގެ ފުރުސަތު ހިމެނެއެވެ. މި ސޮފްޓްވެއާ މެދުވެރިކޮށް ކުރިއާލާ ބައްދަލުވުންތައް ހަމަޖައްސައި ބޭއްވުމުގެ މަގު ފަހިވެގެންދާނެއެވެ. މީގެއިތުރުންވެސް އެގްޒަބިޓަރުންނަށް އިވެންޓްގެ ތެރެއިން ކޮފީ، ސައި އަދި އެކި ބާވަތުގެ ބުއިންތައް ލިބިގެންދާނެއެވެ. އަދި ޓީޓީއެމް ހަރަކާތްތައް ނިންމާލާ ގާލާ އިވެންޓަށް ވެސް ދައުވަތު ލިބިގެންދާނެއެވެ.

މިއަހަރުގެ ޓީޓީއެމް ޓްރެވެލް ސަމިޓް އޮންނާނީ މިމަހުގެ 24 ގައެވެ. އަދި ޓީޓީއެމް މޯލްޑިވްސް އޮންނާނީ މިމަހުގެ 25 އިން 26 އަށެވެ. ޓްރެވެލް ޓްރޭޑް މޯލްޑިވްސްއަކީ އޯކާ މީޑިއާ ގްރޫޕުން ކުރިއަށްގެންދާ ހަރަކާތެކެވެ. އޯކާ މީޑިއާ ގުރޫޕަކީ ރާއްޖޭގެ މީޑިއާ އަދި މާކެޓިންގ ގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ދިވެހި ކުންފުންޏެކެވެ.