ސްރީލަންކާ ސަރުކާރުން އެގައުމަށް މަސް އެތެރެކުރުމުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ލަންކާއަށް އެތެރެ ނުކުރެވި، ކަސްޓަމްސްގައި ތާށިވެފައި ހުރި ރާއްޖޭގެ މަހުގެ ޝިޕްމަންޓް ލަންކާއަށް އެތެރެކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ލަންކާއަށް ރާއްޖެއިން އެތެރެ ކުރި މަހުގެ ޝިޕްމަންޓްތަކުގެ ތެރެއިން އެ ގައުމުގެ ސަރުކާރުން މަސް އެތެރެކުރުމުގެ ސިޔާސަތަށް ގެނައި ބަދަލުތަކާ ގުޅިގެން ކަސްޓަމްސްގައި ތާށިވެފައި ހުރި ޝިޕްމަންޓްތައް މިހާރު އެ ގައުމަށް އެތެރެކުރެވިފައިވާ ކަމަށެވެ.

ލަންކާގެ ކަސްޓަމްސްގައި ތާށިވެފައި ހުރި މަހުގެ ޝިޕްމަންޓްތައް އެގައުމަށް އެތެރެކުރެވިފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ސްރީލަންކާގައި ހުންނަވާ ދިވެހި ހައި ކޮމިޝަނަރާއި ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކޮވިޑް 19ގެ ސަބަބުން ދުނިޔޭގެ އިގްތިސޯދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ދިވެހިރާއްޖޭގެ އިގްތިސާދަށް ލޮޅުން އަރަމުން ދާ މިދަނޑިވަޅުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބޮޑުބައެއް ހިއްސާކުރާ ބޮޑުކަންނެލި މަސްވެރިންނަށް ނުހަނު ބޮޑެތި ގެއްލުންތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. އެ ގޮތުން އެކްސްޕޯޓް ކުރުމުގައި ދިމާވާ ދަތިތައް ހިމެނެއެވެ.