އެޗްއާރްސީއެމަށް އަންނަ އަހަރުގެ ބަޖެޓަށް ހަމަޖައްސާފައިވާ އަދަދުން މުވައްޒަފުންގެ މުސާރަ އާއި އިމާރާތުގެ ކުލި ދެއްކުން ފިޔަވައި، އިތުރު މާ ބޮޑު ޒިންމާއެއް އަދާ ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިހެން ބުނެފައި ވަނީ މިއަދު މަޖިލީހުގައި ބޭއްވި ބަޖެޓް ކޮމެޓީގައި އެޗްއާރުސީއެމްގެ މެންބަރު މުއުމިނާ ވަހީދު ވާހަކަ ދައްކަވަމުންނެވެ. މުއުމިނާ ވިދާޅުވީ، އެ ކޮމިޝަނުން އެދުނީ 30 މިލިއަން ރުފިޔާގެ ބަޖެޓަކަށް ކަމަށާ އެކަމަކު ފިނޭންސް މިނިސްޓްރީން ބޭނުންވީ 24 މިލިއަން ރުފިޔާ އެ ކޮމިޝަނަށް ދިނުމަށް ކަމަށެވެ.
24 މިލިއަން ރުފިޔާގެ ބަޖެޓުން އެ ކޮމިޝަންގެ މުވައްޒަފުންގެ މުސާރަ އާއި އިމާރާތުގެ ކުލި ދެއްކުން ފިޔަވައި، އިތުރު މާ ބޮޑު ޒިންމާއެއް އަދާ ނުކުރެވޭނެ ކަމަށާއި އެ ކޮމިޝަނަށް ގާނޫނުތަކުން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރާނެ މިންވަރުގެ ބަޖެޓެއް ނެތް ކަމަށް މުއުމިނާ ވިދާޅުވިއެވެ. އެންމެ ފުރިހަމަ އަށް ބަޖެޓު ނުދެވުނު ކަމުގައި ވިޔަސް މަސައްކަތްތައް ކުރެވޭނެ މިންވަރަށް ފައިސާ ދެވެންވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މުއުމިނާ ވިދާޅުވިއެވެ.
އިމާރާތުގެ ކުއްޔަށް ބޮޑު ހަރަދެއް ދާކަން ފާހަގަ ކުރައްވަމުން މުއުމިނާ ވިދާޅުވީ، އެޗްއާރުސީއެމުން މިހާތަނަށް ވެސް ހިންގަމުން ދަނީ އިމާރާތެއް ކުއްޔަށް ހިފައިގެން ކަމަށާ ސަރުކާރުގެ އިމާރާތަކުން އެ ކޮމިޝަނަށް ޖާގަ ލިބިފައި ނުވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އައްޑޫ ސިޓީ ކައުންސިލާ ކުރިން މަޝްވަރާ ކުރި ކަމަށާ އަދިވެސް އިމާރާތެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ބަޖެޓް ކޮމިޓީގައި މުއުމިނާ އިތުރަށް ވިދާޅުވީ ކޮމިޝަނުގެ ޒިންމާ އަދާކުރުމަށްޓަކައި ގިނަ ތަންތަނަށް ޒިޔާރާތްކުރަން ޖެހޭތީ ގިނަ ހަރަދުތަކެއް ހިނގާ ކަމަށެވެ. އެ ހުރިހާ މަސައްކަތަކީ އޮންލައިންކޮށް ކުރެވޭނެ ކަމެއް ނޫންކަން ވެސް ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅާފައިވާއިރު އެންމެ ބޮޑު ބަޖެޓެއް ހަމަޖައްސާފައި ވަނީ ސިއްހީ ދާއިރާއަށެވެ. އެއީ 4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރަށް ލަފާކުރާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބަޖެޓް ރިޕޯޓް އަންނަ ބުރާސްފަތި ދުވަހަށް ނިންމަން ވަނީ ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ބަޖެޓަށް ބަހުސް ކުރަން ހަމަޖެހިފައި ވަނީ އަންނަ ހޯމަ އާއި އަންގާރަ އަދި ބުދަ ދުވަހުއެވެ. އެގޮތުން ކޮންމެ މެމްބަރަކަށް ވެސް 15 މިނެޓްގެ ފުރުސަތެއް ދޭން ވަނީ ނިންމާފައެވެ. ބަޖެޓް ބަހުސަށް 21 ގަޑިއިރު ކަނޑައަޅާފައިވާއިރު ކޮމެޓީ ރިޕޯޓްގެ ބަހުސްއަށް 12 ގަޑިއިރު ދޭނެ އެވެ.
މިހާރުވެސް މިއުޅެނީ މީހުންގެ ވަޒީފާތައް ގެއްލޭތީ ެ އެމީހުންގެ އަނބިދަރިން އުޅޭނީކިހިނެޠް
މަހަކު 2 މިލިޔަން މުސާރަ އާއި ކުއްޔަށް ދާނަމަ ހާދަހާ މުސާރަ ބޮޑޭ. މުސާރަ ކުޑަކޮށްލައިގެން ބަޖެޓް ހަމަޖައްސާލަންވީނު.