ރާއްޖޭގައި 3.7 ޕަސަންޓް މީހުން މަރުވަނީ ހަކުރު ބަލީގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ 2018 ވަނަ އަހަރުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ނެރެފައިވާ ރިޕޯޓް އިން ދައްކާ ގޮތުގައި ރާއްޖޭގައި 3.7 ޕަސަންޓް މަރުވަނީ ހަކުރުބަލީގެ ސަބަބުން ކަމަށެވެ. އިންޓަނޭޝަނަލް ޑައިބެޓީސް ފެޑަރޭޝަން ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު މުޅި ދުނިޔެއިން 4.2 މިލިޔަން މީހުން ހަކުރުބަލީގައި ވަނީ މަރުވެފައެވެ.
ދިވެހިރާއްޖޭގެ ޑިމަގުރަފިކް ހެލްތް ސާވޭ 2016-2017 އިން ދެއްކި ގޮތުގައި ހަތަރު ޕަސަންޓް އަންހެނުން އަދި ދެ ޕަސަންޓު ފިރިހެނުންނަށް ވަނީ ހަކުރުބަލި ޖެހިފައިއެވެ. އޭގެ ތެރެއިން 50 ޕަސަންޓް އަންހެނުން އަދި 40 ޕަސަންޓް ފިރިހެނުން ހަކުރު ބައްޔަށް ބޭސްފަރުވާ ކުރާކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ހަކުރު ބައްޔަކީ ދުނިޔޭގެ ގިނަ ބަޔަކު ތަހައްމަލު ކުރަން ޖެހިފައިވާ ސިއްހީ މައްސަލައެކެވެ. ހަކުރު ބަލި ހުރި ކަމަށް ބެލެވެނީ މީހެއްގެ ލޭގައި ހަކުރު ހުންނަން ވީ ވަރަށް ވުރެ އިތުރުވެފައި ހުރުމުންނެވެ.
ހަކުރު ބަލީގެ ދެ ވައްތަރެއް ހުރެއެވެ. އެއީ ޓައިޕް 1 ޑައިބެޓީސް އަދި ޓައިޕް 2 ޑައިބެޓީސް އެވެ. ޓައިޕް 1 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ހަކުރު ބައްޔެވެ. އަދި ޓައިޕް 2 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ.
އޭގެ އިތުރުން ވެސް އައިލާގައި ހަކުރުބަލީގެ މީހުން ތިބުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުން އެބަލި ޖެހުމަށް މަގުފަހި ވެއެވެ.
ހަކުރުބަލީގެ ބައެއް އަލާމާތް ތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމު ދާންޖެހުމާއި ކަރުހިއްކާ ފެންބޮވުމާއި އަދަޔާ ހިލާފަށް ބަޑުހައިވުމާއި ބަރުދަނަށް ބަދަލު އައުން އަދި ވަރުބަލިވުން ހިމެނެއެވެ.
އިންޓަނޭޝަނަލް ޑައިބެޓީސް ފެޑަރޭޝަން ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ 463 މިލިޔަން މީހުންނަކީ ހަކުރުބަލީގެ މީހުންނެވެ. އޭގެ ތެރެއިން ގިނަ މީހުން ތަހައްމަލު ކުރަމުން ދަނީ "ޓައިޕް 2 ޑައިބެޓީސް" އެވެ.