ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކުރާ ވެކްސިނަކީ ހުރިހާ ގައުމަކުންވެސް އިންސާފުން ލިބިދޭނެ ވެކްސިނެއް ކަން ކަށަވަރު ކުރުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ގާވީ ވެކްސިން ގުރޫޕުން އެކުލަވާލާފައިވާ ވެކްސިން ފެސިލިޓީ، (ކޮވެކްސް) ގެ މަޝްރޫއަށް 2 ބިލިއަން ޑޮލަރު ކަށަވަރު ކޮށްފިއެވެ.

މާލީ ތަނަވަސް ކަން ނެތް، ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ކޮވެކްސް ފެސިލިޓީއިން 2 ބިލިއަން ޑޮލަރު ކަށަވަރު ކޮށްފައި ވާއިރު، އަދިވެސް އިތުރަށް ފަންޑު ބޭނުން ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ގާވީ ވެކްސިން އިއްތިހާދުން ބުނީ މި ފަންޑަކީ، އެނޫން ގޮތަކުން ވެކްސިން ގަތުމުގެ ތަނަވަސްކަން ނެތް 92 ގައުމަކަށް ބޭނުންވާ 1 ބިލިއަން ޑޯޒްގެ ފުރަތަމަ ޝިޕްމަންޓް ކަށަވަރުކޮށްދޭނެ ފަންޑެއް ކަމަށެވެ.

އަންކާރާ ޔުނިވަސިޓީގެ ސިއްހީ ހިދުމަތްތެރިއަކު ފައިޒާ އަދި ބައޮއެންޓެކް ކުންފުނިން ތަރައްގީ ކުރަމުން އަންނަ ކޮވިޑް-19 ވެކްސިން ސިރިންޖެއް ހިފައިގެން / ފޮޓޯ: އަނަދޯލޫ އޭޖެންސީ

ގާވީގެ އިސްވެރިޔާ ސެތު ބާކްލީ ވިދާޅުވީ، ކޮންމެ ގައުމަކަށްވެސް ކޮވިޑް-19 ވެކްސިން ލިބޭނެ ކަން ކަށަވަރު ކޮށްދިނުމަށް މިނިވަން ގައުމުތަކާ ޕްރައިވެޓް ޑޯނަރުންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަމަ މިފަދައިން، ކޮވިޑް-19 ގެ ބަލި ދެނެގަތުމާއި ފަރުވާގެ މަޝްރޫއަށްވެސް ފަންޑު ބޭނުން ވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާވީއިން ބުނީ ޔޫރަޕިއަން ކޮމިޝަންއާއި، ފަރަންސޭސިވިލާތް، ސްޕެއިން، ދެކުނު ކޮރެއާ އަދި ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނާ އަދިވެސް އެފަދަ ފަރާތްތަކުން ފާއިތުވީ ހަފުތާތަކުގައި ކޮވެކްސް ފެސިލިޓީއަށް 360 މިލިއަން ޑޮލަރު ދިނުމަށް ވައުދުވެފައި ވާ ކަމަށާ، މިއާއެކު ކޮވެކްސް ފަންޑުގެ އަގު މިހާރު 2 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް 2021 ވަނަ އަހަރުގެ ޑޯޒްތައް ކަށަވަރު ކުރުމަށް އިތުރު 5 ބިލިއަން ޑޮލަރު ބޭޏުން ވާނެ ކަމަށްވެސް ގާވީއިން އާންމު ކުރި ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ.

ޗައިނާގެ ބައޮފާމަސޫޓިކަލް ކުންފުނި ސީނޯވެކް ބައޮޓެކް އިން ތަރައްގީ ކޮށްފައި ވާ

"ކޮވިޑް-19 ވެކްސީންސް ގްލޯބަލް އެކްސެސް ފެސިލިޓީ" (ކޮވެކްސް) އަކީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިސްވެއޮވެ، އެޕިޑެމިކް ޕްރެޕެއާޑްނަސް އިނޮވޭޝަންސް (ސެޕީ) އާއި ވެކްސިން އެލާޔަންސް ގާވީގެ އިއްތިހާދީ މަޝްރޫއެކެވެ. މި މަޝްރޫއަކީ، 2021 ވަނަ އަހަރު ނިމޭއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް، ކޮވިޑް-19ގެ ވެކްސިންގެ 2 ބިލިއަން ޑޯޒް ފޯރުކޮށްދިނުމެވެ.

"ކޮވެކްސް" އިން އަމާޒު ހިފާފައި ވަނީ، ރައްކާތެރި އަދި ކާމިޔާބު 3 ވެކްސިނެއް ތަރައްގީކޮށް، މަޝްރޫއުގެ ބައިވެރިނަށް ފޯރުކޮށްދިނުމަށެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްވަނީ، މި އަހަރު ނިމެން ވާއިރަށް، އެންމެ މަދުވެގެން 15 ބިލިއަން ޑޮލަރުގެ ފަންޑެއް، މި މަޝްރޫއަށް ބޭނުންވާކަން އިއުލާން ކުރައްވާފައެވެ.