ކޯވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ބަޔަކީ ކުދި ޖަޒީރާ ގައުމުތަކުގެ ރައްޔިތުން ކަމުގައި ވިދާޅުވެ އެ ގައުމުތަކުގެ ދިފާއުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވައިފިއެވެ.
ރައީސް މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ ތިން ވަނަ ޕެރިސް ޕީސް ފޯރަމް އިފްތިތާހުކުރުމުގެ ގޮތުން އޮންލައިންކޮށް ބޭއްވި ހާއްސަ ހަފުލާގައި ތަގުރީރު ކުރައްވަމުންނެވެ.
އެކި ގައުމުތަކުގެ ލީޑަރުން ބައިވެރިވި އެ ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތާއި އެ ގައުމުތަކުގެ ކުރިމަގަަށް އޮތް ހުރަސްތައް ވަޒަން ވެގެން ގޮސްފައިވާ ކަމުގައެވެ. އެ ގޮތުން ދިވެހި ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ބަންދުކުރަން ޖެހުނު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި ބަލި ފެތުރުން ކޮންޓްރޯލް ކުރެވެމުންދާ މިންވަރަށް ބަލާ ރާއްޖޭގެ ބޯޑަރު މިހާރު ހުޅުވައިލާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދުނިޔޭގެ ވައިގެ ދަތުރު ފަތުރުގެ ނިޒާމު މިހާރު އޮތް ހާލަތާ މެދު ވިސްނާއިރު ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަމާ ނުލާ ރާއްޖެ ފަދަ ގައުމުތަަކަށް ކުރިމަތިވެފައިވާ އިގްތިސާދީ ޙާލަތުން އަރައިގަންނަން ދަތިވާނެ ކަމުގައެވެ.
އެ ގޮތުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މާލީ ގޮތުންނާ ފަންނީ ދާއިރާއިން އެހީތެރިކަން ބޭނުންވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ވަނީ މިއީ ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތާ މެދު ބައިނަލްއަގްވާމީ މުޖުތަމައުން އިތުރަށް ވިސްނަން ޖެހިފައިވާ ދަނޑިވަޅެއް ކަން ފާހަގަކުރައްވާފައެވެ.
އެ ގޮތުން ކޯވިޑް-19 ގެ ހާލަތުން ކުރިއަށް އޮތް އަހަރެއް ނުވަތަ ދެ އަހަރުގެ ތެރޭގައި މިންޖުވެވުނު ނަމަވެސް މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެ ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަމުގެ މަތިން ހަނދާން ނައްތާލެވެން ނެތް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެއީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ކޯވިޑަށްވުރެ ވެސް ނުރައްކާތެރި ބިރުވެރިކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
ރައީސްގެ ވާހަކަ ނިންމަވައިލައްވަމުން މުހިންމު ދެ ކަމެއްގެ މައްޗަށް އަލިއަޅުވާލާފައިވާއިރު ކޯވިޑް ގެ ހާލަތާއެކު މުހިންމު ދެ ފިލާވަޅެއް ލިބިގަންނަން ޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފުރަތަމަ ކަމަކީ ދުނިޔެއަށް ކުރިމަތިވާ އެ ފަދަ އެކިއެކި ކާރިސާތަކަކީ ގައުމުތަކުގެ ބޯޑަރުތަކަށް އިހުތިރާމުކުރާ ނުވަތަ ވަކި ގައުމަކާމެދު ތަފާކުރާ ކާރިސާތަކެއް ނޫން ކަމުގައެވެ.
ދެވަނަ ފިލާވަޅެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ދުނިޔޭގެ ހުރިހާ ގައުމަކާއި ހުރިހާ ރައްޔިތުން އެކުގައި އަތުގުޅުވައިލައިގެން މެނުވީ އެފަދަ ކާރިސާތަކުން ސަލާމަތް ނުވެވޭނެކަމެވެ. އަދި މުޅި ދުނިޔޭގެ ކުރިމަގު ރައްކާތެރިކޮށް ކުރިއަށް ޖީލުތަކަށް ފޯރުކޮށްދެވޭނީ މި ގޮތުގައި މަސައްކަތް ކޮށްގެން ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.