ބޮލީވުޑްގެ މަޝްހޫރު "އެކްޝަން ހީރޯ" ޓައިގާ ޝްރޮފް، ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން ފަށައިފިއެވެ.

ޗުއްޓީ ހޭދަ ކުރަމުންދާ މަންޒިލެއް ކަނޑައެޅިގެން ހާމަ ނުކުރި ކަމުގައި ވީ ނަމަވެސް، ޓްރާންސްމޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) ޓެގްކޮށް، ޓީއެމްއޭގެ ސީޕްލޭނެއްގެ ކައިރީގައި، ހުސްގަޔާ ހުރެ ނަގާފައި ވާ ފޮޓޯއެއް، އިންސްޓަގްރާމަށް ދޫކޮށްލަމުން ޓައިގާ ޝްރޮފް ވަނީ މިއީ ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ "ޑްރެސްކޯޑް" ކަމަށް ބުނެ، އޭނާގެ ފޭނުންނަށް ނުސީދާ އިޝާރާތެއް ކޮށްފައެވެ. އަދި ހިތްގައިމު ދަތުރަށް، ޓީމްއޭއަށް ޝުކުރު އަދާކޮށްފައި ވެއެވެ.

ޓައިގާ ޝްރޮފް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން ދަނީ އޭނާގެ ލޯބިވެރިޔާއާއެކުގައި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެ ދެ މީހުންނަކީ އެކުގައި ފޮޓޯއެއް ނުނަގާ ވޭތޯ ބަލާ ދެމީހުން ކަމުން، ދެ މީހުން އެކުގައި ރާއްޖޭގައި ތިބި މަންޒަރެއް އަދި އާންމެއް ނުވެއެވެ.

އާ ފިލްމެއްގެ ވާހަކަ އިއުލާން ކުރުމަށް ފަހު، ޗުއްޓީ ހޭދަ ކުރުމަށް ޓައިގާ ޝްރޮފް ރާއްޖެ އައިސްފައި މިވަނީ، ކޮރޯނާވައިރަސް ޑީޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކުގެ ގައުމުތަކުގެ ބޯޑަރުތައް ބަންދު ކޮށްފައި އޮތުމަށްފަހު، އާ އާންމު ހާލަތުގެ ދަށުން ދަތުރުތައް ފަށާ، ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖެއިން ވެސް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އިންޑިއާއިން ވަނީ، އެގައުމުން އެކުލަވާލި ކޮވިޑް-19ގެ ޓްރެވެލް-ބަބްލްގައި އެންމެ ފުރަތަމަ ލިސްޓު ކުރި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައެވެ.