ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ދަތުރުކުރަން ބޭނުންވެ، އެކަމަކު ދަތުރު ނުކުރެވިފައި ތިބި މީހުންގެ ޑިމާންޑް ބޮޑުވުމާ، ހިދުމަތުގައި ހަރަކާތްތެރިވާ މަތިންދާބޯޓުތަކުގެ އަދަދު ނިސްބަތުން މަދުވުމުގެ ނަތީޖާއެއްގެ ގޮތުން، މިއަހަރު ޗުއްޓީ ދަތުރުތަކަށް ކުރަން ޖެހޭ ހަރަދު ބޮޑުވެގެންދާނެ ކަމަށް، ދަތުރުތަކުގެ މާހިރެއް ކަމަށްވާ ބުކިންގް ޑޮޓް ކޮމްގެ ޗީފް އެގްޒެކެޓިވް، ގްލެން ފޯގަލް ބުނެފިއެވެ.

ފޯގަލް ބުނާ ގޮތުގައި، ދަތުރުތަކުގެ އަގުތައް މިހާރުވެސް ވަނީ އުފުލެން ފަށާފައެވެ.

އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުމުގައި އަޅަންޖެހޭ ފިޔަވަޅުތައް ހަރުކަށި ކޮށްފައި ވާއިރު، މިހާރުވެސް ގިނަ އެއާލައިންތަކަކުން އޮޕަރޭޓްކުރާ މަތިންދާބޯޓުތަކުގެ އަދަދު މަދު ކޮށްފައި ވާ ކަން ފާހަގަ ކުރަންޖެހެއެވެ. ދަތުރުތަކަށް ބޮޑު ޑިމާންޑެއް އޮތް ކަމުގައި ވީ ނަމަވެސް، ކުއްލި ކުއްލިއަށް އަންނަ ހުރަސްތަކުގެ ސަބަބުން، އިތުރު ބޯޓުތައް ދަތުރުތަކަށް ނެރުމަށް، އެއާލައިންތަކުން ފަސްޖެހޭ ކަމަށް ފޯގަލް ބުނެއެވެ.

އެއާޕޯޓެއްގައި ފުރަން ދާ މީހެއް / ފޮޓޯ: ޕީޕަލް ޑޮޓް ކޮމް

ފޯގަލް އިތުރަށް ބުނީ، ދަތުރަށް ކުރަން ބޭނުންވާ މީހުންގެ އަދަދު ގިނަ ކަމަށާ، ނަމަވެސް ކޮންމެ މީހަކުވެސް އެކަން ކުރަން ބޭނުން ވަނީ އެންމެ ރައްކާތެރި ގޮތުގައި ކަމަށެވެ.

ވައިގެ އުދުހުންތަކުގެ މުރާސިލެއް ކަމަށް ވާ، ޖޯން ގްރާންޓްވެސް ބުނީ، މިކަމުގެ އަސަރު، ވައިގެ އުދުހުންތަކުގެ އަގަށް ކުރާނެ ކަމަށެވެ.

ފޯގަލް ބުނީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެކި ގައުމުތަކުގެ ސަރުކާރުތަކުން އަމަލު ކުރަމުން ދަނީ އެކި ނިޒާމްތަކުގެ ތެރެއިން ކަމީވެސް ތަކުލީފެއް ކަމަށެވެ. މިވަގުތު އެއް އުސޫލަކުން މިކަން ހަމަޖެހިފައި ނެތުމަކީ ބޮޑެތި އޮޅުންތަކެއް އަރާ، ހައިޖާނު އުފައްދަނިވި ކަމެއް ކަމަށްވެސް ފޯގަލް ފާހަގަ ކުރެއެވެ.

ދަތުރުކުރުމުގައި ކޮންމެ މީހަކުވެސް ރައްކާތެރިކަން ކަށަވަރު ކުރަން ބޭނުންވޭ / ފޮޓޯ: ދި އެޓްލާންޓިކް

މިސާލެއް ދައްކަމުން ފޯގަލް ބުނީ، ގައުމަކަށް އެތެރެ ވޭވެނީ ވެކްސިން ޖަހައިގެން ކަމަށް ބުނާ އިރު، ދައްކާނެ ސާބިތު ހެއްކެއް ނޯންނަ ކަމަށެވެ. ކޮންމެ މީހެއްގެ އަތުގައިވެސް އޮންނާނީ އެމީހެއްގެ ގައުމުން ދޫކުރި ވެކްސިން ކާޑު ކަމަށާ، އެއީ ދަތުރުގެ މަންޒިލަށް ވާ ގައުމުން ބަލައިގަންނާނެ އެއްޗަކަށް ވާނެތޯ ފޯގަލް ވަނީ ސުވާލު އުފައްދާފައެވެ.

ދަތުރުކުރުމުގައި ކޮންމެ މީހަކުވެސް ރައްކާތެރިކަން ކަށަވަރު ކުރަން ބޭނުންވޭ / ފޮޓޯ: އެންވައިޓީ

މިމައްސަލައަށް ހައްލު ހޯދުމަށް، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން ދަނީ ޓްރެވަލް ޕާސްގެ ނަމުގައި ބަވަނަވެފައިވާ ސިއްކައެއް ދޫކުރުމުގެ މަސައްކަތް ކުރަމުންނެވެ. ބައެއް އެއާލައިންތަކުން މިހާރުވެސް ދަނީ މިކަން ތަޖުރިބާ ކުރަމުންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ހުރިހާ ގައުމަކުން އަމަލު ކުރާނެ އާންމު އުސޫލެއް ނުވަތަ ނިޒާމެއް ހަމަޖެހިފައި ނެތުމުގެ އަސަރު، ދަތުރުވެރިކަމާ ފަތުރުވެރިކަމުގެ ސިނާއަތަށް ދަނީ ފޯރަމުންނެވެ. ވޯލްޑް ޓްރެވެލް އެންޑް ޓުއަރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ އިގުތިސޯދުގައި ފަތުރުވެރިކަމުގެ ސިނާއަތުން ހިއްސާ ކުރަމުން އައި އަގު ވަނީ 2019 ވަނަ އަހަރު އޮތް 9.2 ޓްރިލިއަން ޑޮލަރުން، 4.7 ޓްރިލިއަން ޑޮލަރަށް (2020 ވަނަ އަހަރު) ވެއްޓިފައެވެ.