ކޮވިޑް ރިލީފް ސަޕޯރޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން އިތުރު ފައިނޭންސިންގެ އެއް މިއަދު ތައާރަފްކޮށްފިއެވެ.
މިއީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ(އީއައިބީ) ފަންޑުގެ ދަށުން ދޫކުރެވޭ ފައިނޭންސްއެއް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ބުނީ ކޮވިޑް އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން އީއައިބީ އިން މިނިސްޓްރީ އޮފް ފިނޭންސް އާއި ބޭންކް އޮފް މޯލްޑިވްސް އާއެކު މިދިޔަ ޖޫން މަހު 20 މިލިއަން ޔޫރޯގެ ލޯން އެގްރީމަންޓެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މިއީ ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކުގައި ހިމެނޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި އިގްތިސާދު ކޮޅަށް ޖެހުމުގެ ގޮތުން ހަމަޖެހިގެން ދިޔަ ފަންޑިން އެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި އެކްސްޓަނަލް ލެންޑިން މެންޑޭޓް (އީއެލްއެމް) ގެ ދަށުން ދޫކުރެވިފައިވާ ލޯނަކަށްވުމާއެކު ޔޫރަޕިއަން ޔޫނިއަންގެ ކޮންޕްރެހެންސިވް ގެރެންޓީގެ ދަށުން ހާއްސަ ލުއިތަކެއް ވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ބުނީ އީއައިބީ އިން ދޭ އެހީތެރިކަމަށްޓަކައި ސަރުކާރާއި ދިވެހި ރައްޔިޔުންގެ ނަމުގައި އެފަރާތަށް މިނިސްޓާ އޮފް ފައިނޭންސް އިބްރާހިމް އަމީރު ޝުކުރު ދަންނަވާފައިވާ ކަމަށާއި މިއީ އީއައިބީގެ ކޮވިޑް-19 ރެސްޕޮންސް ގެ ދަށުން އޭޝިއާގެ ގައުމަކާ ސޮއިކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާ އެކަމުން ރާއްޖޭއާއެކު އޮތް ގުޅުމުގެ ބަދަހިކަން ރަމްޒު ކޮށްދޭކަން މިނިސްޓަރު ފާހަގަކުރައްވާފައިވާ ކަމަށެވެ.
3000 އަށް ވުރެ މަދުން މުވައްޒަފުން ވަޒީފާއަދާ ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިއަދު ތައާރަފްކުރެވުނު އީއައިބީ ކޮވިޑް ރިލީފް ލޯނުގެ ދަށުން ލޯނަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އެގޮތުން 15.42 މިލިއަން ރުފިޔާ އާ ހަމަޔަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެ ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ މިހާރު ލިބެންހުރި ލޯނުތަކަށްވުރެ ކުޑަ އިންޓަރެސްޓެއްގައި އަދި ލޯނު އަނބުރާ ދެއްކުމަށް މިހާރު ލޯނުތަކަށް ދެމުންދާ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް ކަމަށް އެކުންފުނިން ބުނެއެވެ.
ލޯނަށް އެދި ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓްގައި ޝާއިއުކުރެވޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.