އަންނަ މަހުގެ ތެރޭގައި 3000 ފުލެޓްގެ ބިންގާ އެޅިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހީކުރި ސްޕީޑްގައި ކުރިއަށް ނުދާ ކަމަށެވެ. ނަމަވެސް އަންނަ އަހަރު މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެގޮތުން ގިނަ މަޝްރޫއުތަކެއް ހިންގާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އަންނަ މަހު 3000 ފްލެޓެއްގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެންނައުމަކީ ރައީސް ސޯލިހު މެނިފެސްޓޯގައި މުހިންމު ސިޔާސަތުތަކެއް ގޮތުގައި ކަނޑައަޅާފައިވާ ކަމެކެވެ.

މާލޭގައި ދިރިއުޅެން ކަމުނުދާ ތަންތަނުގައި 21،000 އާއިލާއެއް ދިރިއުޅެމުންދާ ކަމަށާއި ރައީސް ސޯލިހުގެ ސަރުކާރު ނިމޭއިރު އެފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓަރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެގޮތުން މާލޭގައި ވަރަށް ދަތި ހާލުގައި މީހުން އުޅެމުން އަންނަ ކަމަށާއި 600 އަކަ ފޫޓަށް ވުރެ ކުޑަ ތަންކޮޅެއްގެ ތެރޭގައި 21،013 އާއިލާއެއް އުޅެމުންދާ އަންނަ މިނިސްޓަރުވަނީ ފާހަގަކުރައްވާފައެވެ.