ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޭޝް އެޖެންޓުން މެދުވެރިކޮށް ހިލޭ ފައިސާ ނެގޭ ގޮތް ހަމަޖައްސައިފިއެވެ.
ބީއެމްއެލުން ބުނީ އެ ބަދަލާއެކު އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކޮށްގެން ކޭޝް އެޖެންޓުން މެދުވެރިކޮށް ދުވާލަކު 2000 ރުފިޔާ ނަގާއިރު ފީ ގެގޮތުގައި ކުރިން ނަގަމުން އައި 10 ރުފިޔާ ނުނަގާނެ ކަމަށާއި އެކައުންޓުން ފައިސާ ނެގުމުގެ އިތުރަށް މިވަގުތު 40 ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތްވެސް ލިބޭނެ ކަމަށެވެ.
އެ ބަދަލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އެ ފީ ނެގުން ހުއްޓާލާފައި ވަނީ ކަސްޓަމަރުންނަށް އަގުހުރި ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ.
ބޭންކުގެ އޭޓީއެމްގެ ހިދުމަތެކޭ އެއްފަދައިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްވެފައިވާ އަޅުގަނޑުމެންގެ ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމާއި ފައިސާދެއްކުމުގެ ހިދުމަތް ލިބޭނެ ކަމަށާއި ކޭޝް އެޖެންޓް ވިއުގަ ފުޅާކުރެވިގެންދިޔުމާއެކު ވަނީ ބޭންކިންގް ހިދުމަތް ހޯދުމަށް އެންމެ ކައިރީގައިވާ އޭޓީއެމް ނުވަތަ ބްރާންޗަށް ކަސްޓަމަރުން ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް ގެނެވިފައި ކަމަށާއި އެ ހިދުމަތާއެކު ރަށްރަށުގައި ފަސޭހަކަމާއެކު އަސާސީ ބޭންކިންގް ހިދުމަތް ހޯދޭނެ މަގުފަހިވެގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް ބޭންކިންގް ހިދުމަތް ފުޅާކުރުމަށްޓަކައި ބޭންކުން ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. މިއީ ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިންގް ހިދުމަތް ދިނުމަށް ތައާރަފްކުރެވުނު ހިދުމަތެކެވެ.
މިއަދާ ހަމަޔަށް 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް އަތޮޅުތެރޭގައި ފައިސާ ނެގުމުގެ ހިދުމަތް ދަނީ ފޯރޮކޮށްދެމުންނެވެ. އަދި 40 އެޖެންޓުން މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.