މޯލްޑިވްސް ބްލަޑް ސާވިސް އާއި އެމްޑަބްލިޔުއެސްސީ ގުޅިގެން، އެކުންފުނީގެ މުވައްޒަފުންގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް މިއަދު ހިންގައިފިއެވެ.

އެ ކުންފުނިން ބުނީ އެ ހަރަކާތުގެ އެންމެ މުހިއްމު މަގްސަދަކީ ތެލެސީމިއާ ޕޭޝަންޓުންނަށް އިހުލާސްތެރި ހިދުމަތެއް ކޮށްދޭ ފަރާތެއް ކަމަށްވާ މޯލްޑިވްސް ބްލަޑް ސާވިސް އަށް، ކޮވިޑް-19 ގެ މި ހާލަތުގައި ދިމާވެފައިވާ ލޭގެ ދަތިކަމުގެ ހާލަތައް އެހީތެރިކަން ފޯރުވައި، ބޭނުންވާ ލޭގެ އެހީ، އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ފޯރުކޮށްދިނުން ކަމަށެވެ.

އަދި އެ ކުންފުނީގައި މަސައްކަތްކުރާ މުވައައްޒަފުންނަށް ލޭ ހަދިޔާ ކުރުމުގެ މުހިއްމުކަން އަންގައި ދިނުމާއި އެކަމަށް މުވައްޒަފުން ހޭލުންތެެރި ކުރުވުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އެ ކުންފުނީގެ މުވައްޒަފުން ބުރަކޮށް އުޅެމުންވެސް، ފަސޭހަ މާހައުލެއްގައި އެފަދަ އިޖުތިމާއީ އަދި ބޭނުންތެރި ހަރަކާތެއްގައި ބައިވެރިވެ، ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން ބޭއްވުނު ހަރަކާތެއް ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެ ކުންފުނީގެ ކަސްޓަމާ ސާވިސް އިމާރާތުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި އެމްޑަބްލިޔުއެސްސީ ގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.