ފާއިތުވީ 24 ގަޑިއިރެއް ހާއިރު ރާއްޖެއާއި އަވަށްޓެރި އިންޑިއާގެ މީޑިއާގެ ފަލަ ސުރުހީއިން ޖާގަ ހޯދަމުން އަންނަ އެއް ހަބަރަކީ، އދގެ އާންމު މަޖިލީސް (ޔޫއެންޖީއޭ) ގެ ރިޔާސަތަށް ދިވެހިރާއްޖެއިން ހުށަހަޅާ ކެންޑިޑޭޓަށް އިންޑިއާއިން ތާއީދު ކުރާނެ ކަމަށް އެ ގައުމުގެ ފޮރިން ސެކްރެޓަރީ ވިދާޅުވި ހަބަރެވެ. ކުރިއަށް އޮތް އދގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ދިވެހި ރާއްޖެއިން ޝައުގުވެރިވާ ވާހަކައަކީ މި ފަހަކުން ދެކެވެން ފެށި ވާހަކައެއް ނޫނެވެ. މީގެ އެތައް މަހެއް ކުރިން، މިއަހަރުގެ އޭޕްރިލް މަހުވެސް މިފަދަ އަޑުތަކެއް ވަނީ ފެތުރިފައެވެ.

އދގެ އާންމު މަޖިލީހުގެ ރިޔާސަކީ ކޮންމެ ދައުރަކަށްވެސް ބަދަލުވާ ރިޔާސަތެކެވެ. މި ފަހަކަށް އައިސް ރިޔާސަތު ބަދަލު ކުރަމުން ދަނީ ގައުމުތައް އެތުރިފައިވާ ޖިއޮގްރަފީއަށް ނިސްބަތް ކޮށެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު / ފޮޓޯ: ފޮރިން މިނިސްޓްރީ

އދގެ ޗާޓަރުގެ 21 ވަނަ މާއްދަ ބުނާ ގޮތުގައި އާޏްމު މަޖިލީހުގެ އިޖުރާއަތު ކަނޑާއަޅާނީ އެ މަޖިލީހަކުންނެވެ. އަދި ކޮންމެ ދައުރަކަށް ވަކި ރައީސަކު އިންތިހާބު ކުރަން ޖެހޭނެ ކަމަށްވެސް ހަމަ މި މާއްދާގައި ބަޔާން ކޮށްފައި ވެއެވެ. އާންމު މަޖިލީހުގެ އިޖުރާއަތުގެ 30 ވަނަ މާއްދާއަށް ބަލާއިރު، އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާހާ ހިނދަކު، އާންމު މަޖިލީހުގެ ކޮންމެ ދައުރަކަށްވެސް ރައީސްއެއްގެ އިތުރުން 21 ނައިބު ރައީސުން އިންތިހާބު ކުރަން ޖެހެއެވެ. އަދި އާންމު މަޖިލީހުގެ ދައުރު ފެށުމަށް، އެންމެ މަދުވެގެން 3 މަސް އޮއްވާ، މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރަން ޖެހެއެވެ.

އާންމު މަޖިލީހުގެ އާ ދައުރަށް އިންތިހާބުވާ ރައީސް އަދި 21 ނައިބު ރައީސުން މައްސޫލިއްޔަތު އަދާކުރައްވަން ފައްޓަވާނީ އެ ދައުރެއް ފެށުމުންނެވެ. އާންމު މަޖިލީހުގެ ދައުރު އާންމު ގޮތެއްގައި ފަށަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުއެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ އދގެ އާންމު މަޖިލީހުގެ 75 ވަނަ ދައުރެވެ. މި މުއްދަތުގައި ކުރިއަށްދާ އާންމު ބައްދަލުވުންތަކާ، ހާއްސަ ބައްދަލުވުންތަކާ، ކުއްލި ހާލަތްތަކުގެ ބައްދަލުވުންތަކުގެ ރިޔާސަތުގައި އިންނަވާނީ، އާންމު މަޖިލީހުގެ ރައީސްއެވެ.

އިސްވެ ބަޔާން ކޮށްފައި ވާނެ ފަދައިން، މި ފަހަކަށް އައިސް އދގެ އާންމު މަޖިލީހުގެ ރިޔާސަތު ބަދަލު ކުރަމުން ދަނީ ޖިއޮގްރަފީ އަށް ބަލައިގެންނެވެ. އެގޮތުން މައިގަނޑު 5 ދާއިރާއަކަށް އދގެ މެމްބަރު ގައުމުތައް ގިންތި ކުރެވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، އެފްރިކާ، އޭޝިއާ-ޕެސިފިކް، އީސްޓަން ޔޫރަޕް، ލެޓިން އެމެރިކާ އެންޑް ކެރީބިއަން އަދި ވެސްޓާން ޔޫރަޕިއަން އެންޑް އަދާ ސްޓޭޓްސް ގެ ގިންތިއެވެ.

މިނިސްޓަރ ޝާހިދުގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ކުރެއްވު އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

އާރާއި ބާރާއި ނުފޫޒުގެ ގޮތުން އަރާ ހުރި ބައެއް ގައުމުތަކުގެ ތެރެއިން އދގެ އާންމު މަޖިލީހުގެ ރިޔާސަތުން ޖާގަ ނުލިބޭ ގައުމުތަކެއްވެސް އެބަހުއްޓެވެ. އެގޮތުން، ޗައިނާ، ފަރަންސޭސިވިލާތް، ޖަޕާން، ރަޝިއާ، އިނގިރޭސިވިލާތް އަދި އެމެރިކާ އިން ޔޫއެންޖީއޭގެ ރިޔާސަތުގެ ގޮނޑި ފުރާފައެއް ނުވެއެވެ. އދގެ ދާއިމީ މެމްބަރު ގައުމުތަކަށް މި ފުރުސަތު ނުވެސް އޮވެއެވެ. އަދާ ޖެހުނު އިރު، ޔޫއެންޖީއޭގެ ރިޔާސަތު 2 ފަހަރަށް ކާމިޔާބު ކުރީ އެންމެ 3 ގައުމަކުންނެވެ. އެއީ އާޖެންޓީނާ، އެކުއެޑޯ އަދި ނައިޖީރިއާއެވެ.

ކުރިއަށް އޮތީ އޭޝިއާ-ޕެސިފިކް ސަރަހައްދަށް ރިޔާސަތު ލިބޭ ދައުރެވެ. މި ކަމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ އޮތީ ތައްޔާރަށެވެ. އިންޑިއާއިން 1953 ވަނަ އަހަރު ކުރިއަށް ދިޔަ އދގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާފައެވެ. އދގެ 76 ވަނަ އާންމު މަޖިލިސް ފެށުމަށް ތާވަލު ކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހަށެވެ. އާންމު މަޖިލީހާއެކު އޮންނަ ފުރަތަމަ އާންމު ޖަލްސާ އޮންނާނީ ސެޕްޓެމްބަރު 14-30 އަށް، އެމެރިކާގެ ނިއުޔޯކް ސިޓީގައެވެ.