ކަނޑިންމައިން ކޮވިޑަށް ޕޮޒިޓިވްވި މުވައްޒަފަކު ނިޔާވުމުގައި ރިސޯޓުންނާއި ފުލުހުން އިހުމާލު ވެފައިވާ ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވެއްޖެއެވެ.

ކުޑަހުވަދޫ ދާއިރާ ހިމެނޭ ދ. މާއެނބޫދޫ، އުމުރުން 60 އަހަރުގެ އާދަމް ނަސީރު މަރުވެފައި ވަނީ، ކަނޑިންމަ ރިސޯޓުގެ މެނޭޖްމަންޓުގެ ފަރުވާކުޑަ ކަމުންކަން އާއިލާއިން ކުރާ ތުހުމަތު ތަކަށް އިންސާފު ހޯދައި ދިނުމަށް ދައުލަތުގެ މުއައްސާސަތަކަށް ގޮވާލައި، އާމިރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ވިދާޅުވީ އާދަމް ނަސީރު ބަލިވެ އުޅޭތީ އެކަން ރިސޯޓުގެ މެނޭޖްމަންޓުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އެ ރިސޯޓުގެ މުވައްޒަފުން ތަފާތު އެކި ގޮތަށް މަސައްކަތް ކުރި ކަމަށާއި އެ މައްސަލައިގައި ރިސޯޓުން އިހުމާލު ވެފައި ވާކަން އޭނާއަށް ލިބިވަޑައިގެންފައި ވާ ހެކިތަކުން އެނގޭކަމަށް އާމިރު ވިދާޅުވިއެވެ. އަދި އެ މައްސަލަ އާދަމް ނަސީރުގެ ދޮށީ ދަރި ދ. އަތޮޅު ފުލުހުންނަށް ހުށަހެޅުމުންވެސް ފުރަތަމަ އަޅާނުލި ކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ނަސީރާއެކު އެއްކޮޓަރިއެއްގައި ނިދަމުން ދިޔަ މީހުން، އޭނާ ވޭން އަޅަމުން ދާތީވެ، އެކަމުގެ ބިރުވެރިކަން އިހުސާސް ކުރެވިގެން އެ އަޑު ރިކޯޑުކޮށް، މެނޭޖަރަށް ފޮނުވުމުންވެސް އަޅާނުލިކަމުގެ މައުލޫމާތު ލިބުނު އެ އޯޑިއޯތަށްވެސް އަތުގައި އެބަހުރި، އަދި ދ. އަތޮޅު ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުން އާދަމް ނަސީރުގެ ދޮށީ ދަރި ފުރަތަމަވެސް މާޔޫސްކޮށްލި. ތިގޮތަށް ތި މައްސަލަ ހުށަނޭޅޭނޭ ކިޔާ ޖަވާބުދީ، ފޮނު ކަނޑާލުމަށްފަހު އަނެއްކާ ފަހުން މެސެޖްކޮށްފައި އެންގީ ވެރިޔަކު ވިދާޅުވެއްޖެއޭ ތި މައްސަލަ ހުށައެޅޭނެއޭ ބަޔާނެއް ނަގާނަމޭ. އެކަމަކު އަދިވެސް އޭނަގެ އެއްވެސް ބާޔާނެއް ނުނަގާ
އާމިރު

އާމިރު އެދިވަޑައިގެންނެވީ، އެ މައްސަލަ ތަހުގީގުކޮށް، އެފަދަ ދެވަނަ ކަމެއް ނުހިނގާނެ ގޮތަށް ދައުލަތުގެ މުއަސަސާތަކުން މަސައްކަތް ކުރަމަށެވެ.

ނަސީރު މަރުވި މައްސަލާގައި އެ ރިސޯޓުގެ އިހުމާލު އޮތް ކަމަށް ބުނެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު، ވަނީ ފުލުހުންނަށް އެ މައްސަލަ ހުށަހަޅުއްވާފަ އެވެ. އަދި އެޗްއާރްސީއެމުންވެސް ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.