ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވާ ކޮންމެ 5 މީހަކުން 1 އަށް، ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާން ޖެހޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެންއައިއެޗްއާރް ހެލްތު ބައޮމެޑިކަލް ރިސާޗް ސެންޓަރާއި ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ރިސާޗަރުންގެ ޓީމަކުން އެކުލަވާލާފައި މި ރިޕޯޓް ބުނާ ގޮތުގައި، ކޮވިޑް-19 ޖެހި، ޝިފާ ލިބި، އެ ބަލިން ރަނގަޅުވެފައި ވާ 5 ޕަސެންޓް ޕޭޝަންޓުންގެ ކިބައިން ނަފްސާނީ ބަލި ފެނިފައި ވަނީ މުޅިން އަލަށެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާގައި ޖަމާ ކޮށްފައި ވާ 69 މިލިއަން ހެލްތު ރެކޯޑަށް ބަލައިގެންނެވެ. މީގެ ތެރެއިން 62000 ކޭހަކީ ކޮވިޑް-19ގެ ކޭސްތަކެވެ. މި ކޭސްތަކުން ފާހަގަ ކުރެވުނު ގޮތުގައި، ކޮވިޑް-19 ޖެހުމަށް ފަހު، އެންޒައިޓީ (ހާސްވެ، ނުތަނަވަސްވާ ބަލި)، ޑިޕްރެޝަން (މާޔޫސްވެ ގޮތް ހުސްވާ ބަލި) އަދި އިންސޮމްނިއާ (ނުނިދޭ ބަލި) ޖެހިފައި ވާ ކަމަށް ދައްކައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި މާޔޫސްވެފައިވާ މީހެއް/ފޮޓޯ: ބިޒްނަސް އިންސައިޑާ

މީގެ އިތުރުން، ނަފްސާނީ ބަލީގެ ތަކުލީފުތައް މިހާރު ވެސް އުފުލަމުން ދާމީހުންގެ ތެރެއިން 65 ޕަސެންޓް މީހުންނަށް ކޮވިޑް-19 ޖެހުން އެކަށީގެން ވާ ކަމަށްވެސް މި ދިރާސާ ބުނެއެވެ.

ދިރާސާ އެކުލަވާލުމަގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޑރ މެކްސް ޓެކޭޓް ވިދާޅުވީ، ކޮވިޑް-19ގެ ނުރައްކާ ގިންތީގައި، ނަފްސާނީ ބަލީގެ ތަކުލީފުތައް އުފުލާ މީހުންވެސް ހިމަނަންޖެހޭ ކަމަށެވެ. މާޒީގައި ނަފްސާނީ ބަލީގެ ތަކުލީފުތައް އުފުލާފައި ވާ މީހަކަށް ކޮވިޑް-19 ޖެހިއްޖެ ނަމަ އެމީހަކު ރީލެޕްސްވުން ނުވަތަ ނަފްސާނީ ބަލީގެ ތަކުލީފުތައް އަލުން ދިރުން ފަދަ އުނދަގޫތަކާ ކުރިމަތިވެދާނެ ކަމަށާ، ހަމަ އެހެންމެ، އިތުރު ނަފްސާނީ ބައްޔަކަށްވެސް އެމީހަކު ހުށަހެޅިދާނެ ކަމަށް ވެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި މާޔޫސްވެފައިވާ މީހެއް/ފޮޓޯ: ޑެއިލީ ނިއުސް އީޖިޕްޓް

އޮލީވިއާ އާއި ޑެނީސްގެ ވާހަކަ

ކޮވިޑް-19 ޖެހި، އޭގެ ފަހުން ނަފްސާނީ ބަލީގެ ތަކުލީފުތައް އުފުލަން ޖެހުނު އެކަކީ، އުމުރުން 26 އަހަރުގެ އޮލީވިއާ ވިލްސަންއެވެ. މާޗް މަހު ކޮވިޑް-19އަށް ޕޮޒިޓިވްވުމުގެ ކުރިން އޭނާގެ ނަފްސާނީ ދުޅަހެޔޮ ކަމުގައި އާދަޔާ ހިލާފު އެއްވެސް ކަމެއް ނެތް ކަމަށް އޮލީވިއާ ބުނެއެވެ.

ކޮވިޑް-19 ޖެހި، ހޮސްޕިޓަލަކުން ފަރުވާ ނުހޯދި، ގޭގައި އޮވެ، ޝިފާ ލިބި، ބަލިން ރަނގަޅުވި ނަމަވެސް މިއަދު އޭނާއަކީ އެންޒައިޓީގެ ތަކުލީފުތައް އުފުލާ، ނަފްސަނީ ބަލި މީހެކެވެ. ޕެނިކް އޭޓްތައް ތަހައްމަލު ކުރަން ފެށީ ހަޔާތުގައި ފުރަތަމަ ފަހަރަށެވެ.

އަނެއްކާވެސް ވައިރަހުގެ އަސަރު ކޮށްފާނެ ތީ އޮލީވިއާ ބިރު ގަންނަން ފެށިއެވެ. އޭނާގެ ފަރާތުން އެހެން މީހަކަށް ބަލި ޖެހިދާނެތީ ހިތް ނުތަނަވަސް ވާން ފެށިއެވެ. އޭނާގެ ނިދުމުގެ އާދާތަކަށްވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. ނުނިދޭ ދުވަސްތައް އަންނަ ފަދައިން، ހަމަ އެކަނި ނިދާ ދުވަސްތައް ގުނަން ޖެހިއްޖެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި މާޔޫސްވެފައިވާ މީހެއް/ފޮޓޯ: ސެންޓާ ފޮ އެންވައިރަމެންޓަލް ތެރަޕިއުޓިކްސް

އޮލީވިއާއާއި ހިލާފަށް ޑެނީސް އަކީ އުމުރުން އެންމެ 17 އަހަރުން ފެށިގެން ޑިޕްރެޝަންގެ ވޭނުގައި އުޅެމުން އަންނަ ޒުވާނެކެވެ. މިހާރު އުމުރުން 21 އަހަރު ފުރިފައިވާ ޑެނީސް، ކޮވިޑް-19 އަށް ޕޮޒިޓިވްވީ މެއި މަހުއެވެ. އޭނާގެ ހާލަތު ގޮސް ވާން ފެށީ، އެންމެ ލޯބިވި މަންމަ، އިންތިހާއަށް ބަލިވެ، ހޮސްޕިޓަލުގައި އެޑްމިޓް ކުރި ހިސާބުންނެވެ.

ޑރ ޓެކޭޓް ވިދާޅުވާ ގޮތުގައި، ކޮވިޑް-19ގެ ސަބަބުން ދިރިއުޅެން ޖެހިފައިވާ ހާއްސަ ހާލަތާ ނަފްސަނީ ދުޅަހެޔޮ ކަމާ އޮތް ގުޅުން، ކަނޑައެޅިގެން ސާފެއް ނުވެއެވެ. ފަހަރެއްގައި އެއީ ވައިރަހުގެ ސަބަބުން ސީދާ ސިކުނޑިއަށް ކުރާ އަސަރުތަކަކަށް ވެދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއީ ފަހަރުގައި ސިކުނޑިއަށް އަންނަ ބަދަލެއް ކަމަށްވެސް ވެދާނެ ކަމަށާ، އެއީ ނަފްސާނީ ގޮތުން އަންނަ ބަދަލަކަށް ނުވެދާނެ ކަމަށްވެސް ޑރ ޓެކޭޓް ވިދާޅުވިއެވެ.

އެނގޭހަވެސް ކަމަކީ ކޮވިޑް-19ގެ ސަބަބުން ނަފްސާނީ ބަލީގެ ތަކުލީފުތައް ބޮޑު ވާ ކަމެވެ. ކޮވިޑް-19އަށް ސަރުކާރުންތަކުން އިޖާބައިގެ ޕްލޭންތައް އެކުލަވާލާއިރު، ނަފްސާނީ ބައްޔަށް ކުރާ ހޭދަ އިތުރުކޮށް، އަމަލީ ގޮތުން ކުރު ރާސްތާގައިވެސް މި ރޮނގުން މަސައްކަތްތަކެއް ކުރަން ޖެހިފައި ވާ ކަމެވެ.