ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް 90 ޕަސެންޓް ކާމިޔާބު ވެކްސިނެއް ލިބިފައި ވާ ކަމަށް ހޯމަ ދުވަހުގެ ވަގުތެއްގައި އިއުލާން ކުރި ފައިޒާ ކުންފުނީގެ ވެކްސިން، ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމަށް އެ ކުންފުނިން އިންޒާރު ކޮށްފިއެވެ.

ފައިޒާ ކުންފުނީގެ ގްލޯބަލް ޑްރަގް ސޭފްޓީ ރިސާޗް އެންޑް ޑިވަލޮޕްމަންޓްގެ ނައިބު ރައީސް ޑރ ޖޯން ބާކްހާޓް ވިދާޅުވީ، 2 ޑޯޒް ގެ މައްޗަށް އެކުލެވިގެންވާ ފައިޒާގެ ވެކްސިނަކީ "ގަނޑުކޮށްފައިވާ" ހާލުގައި އެއްތަނުން އަނެއް ތަނަށް އުފުލަން ޖެހޭ ވެކްސިނަކަށް ވާއިރު، މިކަން މިގޮތަށް ކުރުމަށް ލޮޖިސްޓިކްސްގެ ގޮތުން ގޮންޖެހުންތަކަކާ ކުރިމަތިވާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ ބާކްހާޓް ވިދާޅުވީ ފައިޒާގެ ވެކްސިނަކީ އިންތިހާ ފިނި މިނުގައި ފޯރުކޮށްދޭން ޖެހޭ ވެކްސިނެއް ކަމަށާ، ކުރު މުއްދަތުގެ ރާސްތާއަށް ބަލާއިރު ގޮންޖެހުންތަކެއް ކުރިމަތި ވާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ވެސް އޭނާ ވަނީ ހާމަ ކުރައްވާފައެވެ. މިކަމަށް ހާއްސަ، ތަޖުރިބާކާރުންގެ ޓީމެއް ފައިޒާގައި މިހާރުވެސް ހަރަކާތްތެރި ވަމުން އަންނަ ކަމަށް ޑރ ބާކްހާޓް ވިދާޅުވިއެވެ.

އަންކާރާ ޔުނިވަސިޓީގެ ސިއްހީ ހިދުމަތްތެރިއަކު ފައިޒާ އަދި ބައޮއެންޓެކް ކުންފުނިން ތަރައްގީ ކުރަމުން އަންނަ ކޮވިޑް-19 ވެކްސިން ސިރިންޖެއް ހިފައިގެން / ފޮޓޯ: އަނަދޯލޫ އޭޖެންސީ

ފައިޒާ ކުންފުނިން ވަނީ، ވެކްސިންގެ ސަޕްލައި އެކަށީގެން ވާ ގޮތެއްގައި ކަށަވަރު ކޮށްދިނުމަށްޓަކައި، ގައުމުތަކުގެ ސަރުކާރުތަކާއެކު މަސައްކަތް ކުރުން އިންތިހާއަށް މުހިންމު ކަމަށް ބުނެފައެވެ.

ފައިޒާއިން ތަރައްގީ ކޮށްފައި ވާ، 90 ޕަސެންޓް ކާމިޔާބު ވެކްސިނަކީ މައިނަސް 70 ޑިގްރީ ސެލްސިއަސްގައި ބަހައްޓަންޖެހޭ ވެކްސިނެކެވެ. މިއީ އާންމު ކޮށް ހުންނަ ފިނިކުރާ އާލާތްތަކުގައި ހުންނަ މިންގަނޑުތަކަށް ވުރެވެސް ފިނި މިންގަނޑެއް ކަމުން، ސިއްހީ ބައެއް އޮފިޝަލުން މިހާރު ދަނީ، ފައިޒާގެ ވެކްސިންނަށް ބޭނުންވާ ޝަރުތުތަކަކާ މެދު ކަމްބޮޑުވުން ފާޅު ކުރަމުންނެވެ.

ފައިޒާ ކުންފުނިން ތަރައްގީ ކުރި ވެކްސިންގެ 3 ވަނަ މަރުހަލާގެ ނަތީޖާއިން، ކޮވިޑް-19 އާ ދެކޮޅަށް ދިފާއު ހޯދާދޭ ކަމަށް ބުނާއިރު، މި ވެކްސިނަށް އަދި ޑަބްލިއުއެޗްއޯގެ ސިއްކަ ދީފައެއް ނުވެއެވެ. ނަމަވެސް ފައިޒާ ކުންފުނިން ދަނީ އާންމު ބޭނުންތަކަށް ހާއްސަކޮށްގެން ވެކްސިން އުފެއްދުމުގެ މަސައްކަތްވެސް، ކުލިނިކަލް ތަހުލީލުތަކާ އެކު އެކީގައި ކުރަމުން ކަން ފާހަގަ ކުރަންޖެހެއެވެ.