މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތް އަވަހަށް ފަށާނެ ކަމަށާއި އެ މައްސަކަތް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 469 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާ ކަމަށް ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރު ބަޖެޓު ހުށަހެޅުމަށް މިއަދު މަޖިލީހުގައި ބަޔާން ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ދެއްކެވި ވާހަކައިގައި ވިދާޅުވީ، ރާއްޖޭގެ އިންޓަނޭޝަނަލް ކޮމާޝަލް ޕޯޓުގެ މަޝްރޫއާ އެކުއެކީގައި މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ބްރިޖު މަޝްރޫއަށް ވާނީ 469 މިއަން ރުފިޔާ ބަޖެޓުކޮށްފައި ކަމަށް އަމީރު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ތެރޭގައި ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފަށާނެ ކަމަށާއި އެކަމަށް 476 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ އުތުރާ ދެކުނުގައި ސަރަހައްދީ ޕޯޓުތައް ތަރައްގީ ކުރުމާއި ހިދުމަތްތައް ފުޅާކުރުމަށް ވެސް ބަޖެޓުން އިސްކަން ދީފައި ވާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. އަދި ޕޯޓު މަޝްރޫއުގެ ސަބަބުން ރާއްޖެއަށް މުދާ އެތެރެކޮށް އަތޮޅުތަކަށާއި ރިޒޯޓު ތަކަށް މުދާ ފޯރުކޮށް ދިނުމުގައި ދިމާވެފައިވާ ދަތިތަކަށް ޒަމާން ތަކަކަށް ފަހު ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް 6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށެވެ. އެގޮތުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި ބްރިޖްގެ މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި 469 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާ އިރު މި އަހަރުގެ ތެރޭގައި މި ބްރިޖް މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދީފައެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދަން ނިންމާފައިވާ މާލެއާއި ތިލަފުށި ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހު ފެށޭނެ ކަމަށް ޕްލޭނިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. މިދިޔަ އަހަރު ތެރޭ ސަރުކާރުން ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި ތަފްސީލް ތަކުގައި ވާ ގޮތުގައި ބުރިޖް މަޝްރޫއަށް 7.6 ބިލިއަން ރުފިޔާ ހަރަދުވާނެއެވެ.