ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ފައިޒާ ކުންފުންޏާއި ބައޮއެންޓެކް ކުންފުނި ގުޅިގެން ތަރައްގީ ކުރަމުން އަންނަ ވެކްސިންގެ 3 ވަނަ މަރުހަލާގެ ތަހުލީލުތައް 90 ޕަސެންޓް ކާމިޔާބު ކަމަށް އެ ކުންފުނިތަކުން ހާމަކޮށްފިއެވެ.

މި ކަމާ ގުޅިގެން އާންމު ކޮށްފައި ވާ ބަޔާނަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ފައިޒާއާއި ބައޮއެންޓެކް ކުންފުނިން ތަރައްގީ ކުރަމުން އަންނަ ވެކްސިންއަކީ، ކޮވިޑް-19ގެ އިންފެކްޝަންއިން ދުރުވުމަށް 90 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަން، 3 ވަނަ މަރުހަލާގެ ތަހުލީލު ވަނީ ދައްކާފައެވެ.

ކޮވިޑް-19ގެ ވެކްސިނަކާ ގުޅިގެން ފައިޒާ ކުންފުނިން އުއްމީދީ އިޝާރާތެއް ކޮށްފައި މިވަނީ، ދުނިޔޭގެ އެކި ހިސާބުތަކުގައި އަނެއްކާވެސް މި ބަލިމަޑުކަމުގެ ހުޅުގަނޑުތައް ފަޅައިގެން ދާން ފަށަފައި ވާ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރަމުން އަންނަ ފައިޒާ ކުންފުނީގެ ސީއީއޯ އެލްބާޓް ބޫރްލާ/ފޮޓޯ: ސީބީއެސް

ފައިޒާ އާއި ބައޮއެންޓެކް ކުންފުނީގެ އުއްމީދީ ހަބަރާއެކު، ވިލާތުގެ ހިއްސާގެ ބާޒާރުވެސް ވަނީ ހެޔޮ ފާލަކަށް އެޅެން ފަށާފައެވެ. އަދި ބައިނަލްއަގުވާމީ ތެލުގެ ސިނާއަތުގެ އަގުތައްވެސް އުފުލެން ފަށާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ވެކްސިންގެ ފަހުގެ ހޯދުންތަކަށް ބަލާއިރު، ވެކްސިންގެ 2 ޑޯޒް ފުރިހަމަ ވާތާ 7 ދުވަސް އަދި ފުރަތަމަ ޑޯޒް ދޭ ތާ 28 ދުވަހުގެ ތެރޭގައި، ވައިރަހުގެ އިންފެކްޝަނަކާ ދެކޮޅަށް ދިފާއު ހޯދާދެއެވެ. ފައިޒާގެ ދިރާސާއަކީ އަދި މިވަގުތު ޕިއާ ރިވިއު ކޮށްފައި ވާ ދިރާސާއެއް ނޫން ކަމުގައި ވީ ނަމަވެސް، މި ދިރާސާއާ މެދު ސައެންސްވެރިންގެ އުއްމީދުވެސް ބޮޑު ކަމަށް މައުލޫމާތު ލިބެއެވެ.

ފައިޒާއާއި ބައޮއެންޓެކުން ވަނީ މިއަހަރު ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް 50 މިލިއަން ޑޯޒް ފޯރުކޮށްދެވޭނެ ކަމަށް އުއްމީދު ކުރާކަން ހާމަކޮށްފައެވެ. އަދި 2021 ވަނަ އަހަރު 1.3 ބިލިއަން ޑޯޒް ފޯރު ކޮށްދިނުމަށް އެ ކުންފުނިތަކުން ވަނީ އަމާޒު ހިފާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 50 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. މި ބައްޔަށް އަދިވެސް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސިއްކަ ޖެހި ވެކްސިނެއްވެސް ތަރައްގީ ކުރެވިފައެއް ނެތެވެ. އޮކްޓޯބަރު މަހުގެ މެދަކާ ހިސާބަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ކްލިނިކަލް ޓްރަޔަލް މަރުހަލާގައި 42 ކެނޑިޑޭޓެއް އޮތް ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ހާމަކޮށްފައެވެ. ޖޫން މަހުގެ މެދަކާ ހިސާބުގައި މިއަދަދު އޮތީ 11 ގައެވެ. އިސްވެ ބަޔާންކޮށްފައި ވާ 42 ކެންޑިޑޭޓުންގެ ތެރެއިން، 10 ވެކްސިނެއް އުޅެނީ 3 ވަނަ މަރުހަލާގެ އެންމެ ހައްސާސް ހިސާބުގައި ކަން ފާހަގަ ކުރަންޖެހެއެވެ.