އަންނަ އަހަރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ބަޔާން ހުށަހަޅައި ދެއްވަމުންނެވެ. އަމީރު ވިދާޅުވީ މި ވަގުތަކީ އިގްތިސާދީ ހަރަކާތްތައް ހުއްޓުނަނުދީ ހިފަހައްޓަންވީ ވަގުތު ކަމަށާ މި ވަގުތު އިގްތިސާދުގައި އެންމެ މުހިއްމު ރޯލެއް ކުޅެވޭނީ ސަރުކާރަށް، ފިސްކަލް ޕޮލިސީގެ ތެރެއިން ކަމަށެވެ. އަދި އިގްތިސާދީ ކުރިއެރުން އަވަސްކޮށް، މި އަޑިގަނޑުން އަރައިގަތުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ސަރުކާރުން ކުރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ނަމަވެސް އިގްތިސާދު މެނޭޖްކުރުމަށްޓަކައި މި ވަގުތު ދޭން އޮތް ފަރުވާގެ ސައިޑް އިފެކްޓަކީ ދަރަނި މައްޗަށް ދިއުން ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން 2021 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރައްވާ އަމީރު ވިދާޅުވީ އެއީ ޖީޑީޕީގެ ނިސްބަތުން 124.8 ޕަސަންޓު ކަމަށެވެ.

މި ވަގުތު ދަރަނި މައްޗަށް ދިޔަ ނަމަވެސް، މެދުރާސްތާގައި ދަރަނި ކުޑަކުރެވޭނެ. މެދުރާސްތާގައި ދަރަނި 'ސަސްޓެއިނަބަލް' މަގަށް ގެންނަން، ޖީޑީޕީ އިތުރުކުރަންޖެހޭ.
މިނިސްޓަރު އަމީރު

އަމީރު ވިދާޅުވީ ޖީޑީޕީ މިހާރު ދަށަށްދާ ދިޔުން ހުއްޓުމަކަށް ގެނެސް، 2021 ވަނައަހަރު 'ގްރޯތް ޕާތް' އަކަށް ދާންޖެހޭ ކަމަށެވެ. އަދި 2021 ވަނައަހަރު ބަޖެޓުގެ އަމާޒަކީ އެއީ ކަމަށާޢި، ސަރުކާރުގެ އަމާޒަކީ ނޮމިނަލް ޖީޑީޕީ ކުރިއަރާ މިންވަރު ދަރަނި މައްޗަށް ދާ މިންވަރަށްވުރެ މަތީގައި ބެހެއްޓުން ކަމަށް އަމީރު ވިދާޅުވިއެވެ.

ނަމަވެސް ކޮވިޑްއާއި ހެދި އަންދާޒާކުރި ގޮތާއި ހިލާފަށް ޖީޑީޕީ 29.3 އިންސައްތަ އިން ދަށްވެ، އާމްދަނީ ދަށްވުމާއި ގުޅިގެން އިތުރު ދަރަނި ނަގަންޖެހުމުން، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު މިވަނީ އިތުރުވެފައެވެ. އެހެންކަމުން ދަރަނި މެނޭޖްކޮށް ބެލެހެއްޓުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއަށް އޮތް ގިނަ އަހަރުތަކުގައި ކުރަން ޖެހޭނެއެވެ. ދަރަނީގެ ނިސްބަތް ދެމެހެއްޓެނިވި މަގަށް ގެނައުމަކީ ކުރަންޖެހޭ ކަމެކެވެ.

އިގްތިސާދީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ކޮވިޑް-19 ގެ ތަދުމަޑުކަމަކީ ކުރު މުއްދަތުގެ މައްސަލައެއް. އަޅުގަނޑުމެން މިއީ އަހަރުތަކަކަށް ދިގުދެމިގެންދާ މައްސަލައަކަށް ހަދައިގެން ނުވާނެ.
މިނިސްޓަރު އަމީރު

ބަޖެޓް ބަޔާން ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ ދަރަނީގެ ނިސްބަތް ދެމިހެއްޓެނިވި މަގަށް ގެނައުމަށް 'ފިސްކަލް ކޮންސޮލިޑޭޝަން' ނުވަތަ ކަމަރު ބާރުކުރުމަކީ މިވަގުތު ބުއްދިވެރިކަމެއް ނޫން ކަމަށެވެ. އަދި ކަމަރު ބާރުކުރަންވާނީ ރިކަވަރީއަށް ފަހު ކަމަށާއި ވިދާޅުވެ އަމީރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފައިވާނީ މި ހާލަތުން އަވަހަށް އަރައިގަނެ އިގްތިސާދު އަލުން އާރާސްތުކުރުމަށް ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ލޯނު ނެގުމުގައި ކޮންސެޝަނަލް ލޯނު ނެގުން ކަމަށާއި މިކަމަށް ފޯކަސްކޮށް، ކްރެޑިޓާސް ކޮންފަރެންސެއް ބޭއްވުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ޖީ-20 ޑެޓް ސަސްޕެންޝަން އިނިޝިއޭޓިވްގައި ބައިވެރިވެފައިވާއިރު، މި ސަސްޕެންޝަން 2021 ވަނައަހަރު އިތުރަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީގެ އިތުރުންވެސް ތަޖްރިބާކާރުންގެ އެހީއާއެކު ގިނަ ކަންތައްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގައިވާ ގޮތުން ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށް ވާއިރު، ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއިން ކަމަށް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައެވެ. އޭގެ ތެރެއިން ހިލޭ އެހީގެ ގޮތުގައި 17.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ބަޖެޓް ޑެފިސިޓްގެ ގޮތުގައި ލަފާކޮށްފައި ވަނީ 15.5 ބިލިއަން ރުފިޔާއެވެ.