މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭ އެސޯސިއޭޓެޑް ޓޯޓަލް އޮފެންޑާ މެނޭޖްމަންޓް ސާވިސް (އެޓަމްސް) އީ-ސާވިސް ޕޯޓަލްގެ ޓްރައިލް ވާޝަން ތައާރަފްކޮށްފިއެވެ.

މިއަދު އެމްސީއެސް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި ޕޯޓަލް ތައާރަފްކޮށްދެއްވީ މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲއެވެ. މި ޕޯޓަލް މިއަދު ޓްރައިލްގެ ގޮތުގައި ތައާރަފްކޮށްފައި ވާއިރު، އާންމުންގެ ބޭނުމަށް ހުޅުވާލާނީ އަންނަ މަހު 20 ގައެވެ.

އެޓަމްސް އީ-ސާވިސް ޕޯޓަލްއަކީ ކަރެކްޝަނުގެ ފަރާތުން އާންމު ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލެކެވެ.

ޖަލުން ބޭރުގައިވާ އާއިލާއާއެކު ގާތްގުޅުމެއް ބޭއްވުމަކީ ގައިދީން ރީހެބިލިޓޭޓްކުރުމަށް ކުރާ މަސައްކަތަށް ވަރަށް މުހިއްމު ކަމެއް
މިނިސްޓަރު އިމްރާން

މި ޕޯޓަލް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މީގެ ކުރީގައި ގައިދީންގެ އަތޮޅުތެރޭގައި ތިއްބަވާ އާއިލާތަކަށް ބައްދަލުވުންތަކަށް މާލޭގައި ހުރި ފަރާތެއްގެ އެހީތެރިކަމާ ނުލައި ރިކުއެސްޓްކުރަން ދަތި ކަމަށެވެ. ނަމަވެސް، މި ހިދުމަތް މެދުވެރިކޮށް އެފަރާތްތަކަށް އޮންލައިންކޮށް ކޮންމެ ތާކު ތިބެގެން ވެސް ރިކުއެސްޓް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު އަދި ހޯމް މިނިސްޓަރު އިމްރާން / ފޮޓޯ: ކަރެކްޝަންސް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ އީ-ސާވިސް ޕޯޓަލް ތައާރަފްކުރުމުން އާންމުންނަށް ކަރެކްޝަނުގެ ހިދުމަތްތައް ހޯދުމަށް ލިބޭ ވަރަށް ބޮޑު ލުއި ފަސޭހަ ކަމަކަށް ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން މުވައްޒަފުންގެ މަސައްކަތް މިހާރަށް ވުރެ ފަސޭހަވެ، މަސައްކަތް އަވަސް ވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެޓޮމްސް ތައާރަފް ކުރުން: ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު އަދި ހޯމް މިނިސްޓަރު އިމްރާން / ފޮޓޯ: ކަރެކްޝަންސް

ކަރެކްޝަނުން ބުނީ މި ޕޯޓަލް ފަރުމާކުރެވިފައިވާ ވަނީ ދެ ބަޔަކަށް ކަމަށެވެ. އެއީ އާންމު ރައްޔިތުންނަށް ހިދުމަތްތަކަށް އެދުމަށް ހުޅުވާލެވިފައިވާ ޕަބްލިކް ޕޯރޓަލްއަކާއި ކަރެކްޝަނުގެ މުވައްޒަފުންގެ ބޭނުންތަކަށް ތައްޔާރު ކުރެވިފައިވާ އެޑްމިން ޕޯޓަލްއެއް ކަމަށެވެ. ޕަބްލިކް ޕޯޓަލްއިން ހިދުމަތްތަކަށް އެދުމުން އެޑްމިން ޕޯޓަލް މެދުވެރިކޮށް އޮފިސަރުނަށާއި މުވައްޒަފުންނަށް ކުރިއަށްވުރެ އަވަސް މުއްދަތެއްގައި ރިކުއެސްޓްތައް ޕްރޮސެސްކޮށް ހަމަޖެހިގެން ދާނެއެވެ.

މިގޮތުން މި ޕޯޓަލް މެދުވެރިކޮށް ބައްދަލުވުންތަކަށް އެދޭ ފަރާތްތަކުގެ ރިކުއެސްޓްތައް ޗެކް ކުރުމަށްފަހު، ޝަރުތު ހަމަވާ ފަރާތްތަކަށް 1 މަސައްކަތު ދުވަސް ތެރޭގައި ބައްދަލުވުމާ ބެހޭ މައުލޫމާތު ލިބިގެންދާނެއެވެ. އަދި ހަމަ އެފަދައިން ޝަރުތު ހަމަނުވާ ފަރާތްތަކަށް ރިކުއެސްޓް ރިޖެކްޓް ކުރުވުނުކަން ވެސް 1 މަސައްކަތު ދުވަސް ތެރޭގައި އެންގޭނެއެވެ.

އެޓަމްސް އީ-ސާވިސް ޕޯޓަލް މެދުވެރިކޮށް ކަރެކްޝަނުގެ އިސްވެރިންނާއި ކަރެކްޝަނުގެ ބެލުމުގެ ދަށުގައިވާ ގައިދީންނާއި ބަންދު މީހުންނާ ބައްދަލުކުރުމަށް އޮންލައިންކޮށް އެދެވޭނެއެވެ. ގައިދީންނާއި ބަންދުމީހުންނާ ބައްދަލުވުމަށް އެދެވޭނީ އެފަރާތްތަކުގެ ގާނޫނީ ވަކީލުންނަށާއި އާއިލާގެ ފަރާތުންނެވެ.