ނަގުދު ފައިސާ ބޭނުން ނުކޮށް ޓެކްސީ އަށް ފައިސާ ދެއްކޭނެ ކޭޝްލެސް ޕޭމަންޓް ހިދުމަތެއް ބީއެމްއެލް އިން މިއަދު ތައާރަފް ކޮށްފިއެވެ.

މިކަމާ ގުޅިގެން ބީއެމްއެލް އިން ނެރުނު ނޫސްބަޔާނުގައި ބުނީ މިއީ ބޭންކުގެ ހިދުމަތްތައް ޑިޖިޓަލްކުރުމަށާއި ނަގުދުފައިސާ ނުގެންގުޅޭ މުޖްތަމައަކަށް ވާސިލުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުންތައާރަފް ކުރެވުނު ހިދުމަތެއް ކަމަށެވެ. މި ހިދުމަތާއެކު ޓެކްސީ ޑްރައިވަރުންނަށް މިހާރު ބީއެމްއެލް މޮބައިލްޕޭ މެދުވެރިކޮށް ކޮންޓެކްޓްލެސް ޕޭމަންޓް ބަލައިގަނެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ބުނީ މި ހިދުމަތުގެ އެހީގައި ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލްޕޭ މެދުވެރިކޮށް ޑްރައިވަރުގެ މޯބައިލްފޯނުގައިވާ ނުވަތަ ޓެކްސީގައި ބަހައްޓާފައިވާ ކިޔުއާރު ކޯޑު ސްކޭންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެ ކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް ކޭޝްލެސް ޕޭމަންޓްގެ ހިދުމަތް ފޯރުކޮށްދީފައި ވަނީ ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސް ޕޭމަންޓް ހިދުމަތް ދިނުމަށް ބޭންކުން ބޭނުންކުރަމުންދާ އެމްޕޮސް ހިދުމަތްތަކުގެ ތެރެއިން ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ކޭޝްލެސް ކޮށް ޓެކްސީއަށް ފައިސާ ދެއްކޭ އިންތިޒާމު ހަމަޖައްސައިފި / ފޮޓޯ: ބީއެމްއެލް

ކޭޝްލެސް ޕޭމަންޓުގެ ހިދުމަތް މިއަދު ތައާރަފްކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ. މި ހިދުމަތް ތައާރަފް ކޮށްދެއްވުމަށްފަހު މިނިސްޓަރު ނަހުލާ އާއި ބީއެމްއެލްގެ ސީއީއޯ އަދިމެނޭޖިންގ ޑިރެކްޓަރު ޓިމް ސޯޔާ ވަނީ ކޮވިޑުން ރައްކާތެރިވުމަށް ބޭނުންކުރެވޭ ހޭންޑް ސެނިޓައިޒާ އާއި ފޭސް މާސްކް ޓެކްސީ ޑްރައިވަރުންނަށް ހަދިޔާ ކުރައްވާފައެވެ. ކޭޝްލެސްޕޭމަންޓުގެ ހިދުމަތްދޭ ކޮންމެ ޓެކްސީއަކަށް މި ތަކެތި ހިމެނޭ ޕެކެއް ބޭންކުން ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފައިސާ ދެއްކުމަށްއެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރުމަކީ ލިބޭއުފަލެއް. މި ވަސީލަތުގެ އެހީގައި ކަސްޓަމަރުންނަށް ރައްކާތެރިކަމާ ފަސޭހަކަމާއެކު އަވަހަށްފައިސާ ދެއްކުމުގެ މުއާމަލާތްތައް ފުރިހަމަ ކުރުމަށް މަގުފަހިވެގެންދާނެ.
ޓިމް ސޯޔާ

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ނަގުދު ފައިސާ ބޭނުންނުކޮށް ފައިސާގެ މުއާމަލާތްތައް ހިންގުން އާދައަކަށް ވެފައިވާ ދަނޑިވަޅެއްގައި، ފައިސާ ދެއްކުމުގެ ޒަމާނީ މި ހިދުމަތް ކަސްޓަމަރުންނާއި ޑްރައިވަރުންގެ މެދުގައި މަގްބޫލު ހިދުމަތަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި އެކުގައި މި ދަތި ދުވަސްތަކާ ކުރިމަތިލުމުގައި ބޭންކުން މުޖަތަމައަށް އެހީތެރިވުމުގައި ދެމިއޮންނާނެ ކަމަށް ވެސް ސޯޔާ ވިދާޅުވިއެވެ.

ބީއެމްއެލް މޮބައިލްޕޭ އަކީ ކޮންމެތަނަކުން ވެސް ތަކެތި ގަތުމަށްޓަކައި ފައިސާ ދެއްކުމަށް ބޭނުންކުރެވޭ ބޭންކުގެ ޑިޖިޓަލް ވޮލެޓް އެޕްލިކޭޝަނެވެ. މި އެޕް އެޕަލް ސްޓޯރުންނާއި ގޫގަލްޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ. ބޭންކުން ދޫކޮށްފައިވާ ކާޑުތަކުގެ ތެރެއިން ކަސްޓަމަރުން މިހާރު ބޭނުންކުރަމުންދާ ކާޑުތަކާ ޑިޖިޓަލް ވޮލެޓް މި އެޕުން ގުޅުވާލަދެއެވެ. އެހެންކަމުން ކަސްޓަމަރުންނަށް ކާޑުގެ މައުލޫމާތު ހިއްސާ ކުރަން ނުޖެހި ފައިސާ ދެއްކޭނެ މަގުފަހިވެގެން ދިޔުމާއެކު މިއީ ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ ގޮތެކެވެ.