2021 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ފުރަތަމަ ފަހަރަށް ކައުންސިލްތަކަށް "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ދިނުމަށް ހިމަނައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ބަޔާން ހުށަހަޅައި ދެއްވަމުން މި މައުލޫމާތު ހާމަ ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އޭނާ ވިދާޅުވީ 2019 ވަނަ އަހަރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ވާނީ ބޮޑެތި އިސްލާހުތަކެއް ގެނެވި، ކައުންސިލްތައް ބާރުވެރިކުރުވައި، މާލީ ފުދުންތެރިކަން އިތުރުކޮށް ދިނުމުގެ މަގުފަހިކޮށްދީފައި ކަމަށެވެ.

ލާމަރުކަޒީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފުރަތަމަ ފަހަރަށް ކައުންސިލްތަކަށް "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ދީފައިވާނެ
މިނިސްޓަރު އަމީރު

އަމީރު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ޖުމްލަ މިންވަރަކީ ޑޮމެސްޓިކް ރެވެނިއުގެ 5 އިންސައްތައިގެ އިތުރުން، ބިމާއި، ރަށްރަށާއި، ފަޅާއި ފަރުފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ކަމަށެވެ.

މީގެ އިތުރުން، ކައުންސިލްތަކުން ފޯރުކޮށްދޭ މުނިސިޕަލް ހިދުމަތްތަކުގެ ފީގެ ގޮތުގައި ލިބޭ އާމްދަނީ ކައުންސިލްތަކަށް ލިބޭނެ. ކަމަށް އަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، 2021 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ދިނުމަށް ހުށަހަޅާފައިވާ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގައިވާ ގޮތުން ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށް ވާއިރު، ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއިން ކަމަށް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައެވެ.