2021 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި 169 ރަށެއްގެ ފެނާ ނަރުދަމާގެ މަޝްރޫއު ހިންގުމަށް 1.2 ބިލިއަން ރުފިޔާ ހިމަނައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ބަޔާން ހުށަހަޅައި ދެއްވަމުން މި މައުލޫމާތު ހާމަ ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އޭނާ ވިދާޅުވީ ފެނާއި ނަރުދަމާގެ ހިދުމަތަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިދޭންޖެހޭ އަސާސީ ހައްގެއް ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގައި 169 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި 1.2 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަޖެޓުގައި ހިމަނާފައިވާ ކަންކަމުގެ ތަފްސީލު ދެއްވަމުން އަމީރު ވިދާޅުވީ، އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށާ، ތެޔޮ ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު މަދުކޮށް، އިސްރާފު ކުޑަކުރުމާގުޅޭ މަޝްރޫއުތަކަށް ޖުމްލަ 148 މިލިއަން ރުފިޔާ ވާނީ ބަޖެޓު ކޮށްފައި ކަމަށެވެ. ހަމައެއާއެކު ރައްކާތެރިކަމާއެކު ކުނި ނައްތާލައި މެނޭޖްކުރުމާގުޅޭ މަޝްރޫތަކަށް ޖުމްލަ 390 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2021 ވަނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކުގައި ހައި-ސްޕީޑް ފެރީގެ ނިޒާމެއް ގާއިމުކުރުމަށް ރާވާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ދަތުރުކުރުމަށް ބޭނުންވާ ޒަމާނީ ބާރުދުވެލީގެ ފެރީތަކާއި، މި ނިޒާމް ހިންގުމަށް ބޭނުންވާ އިންސާނީ އަދި އެހެނިހެން ވަސީލަތްތައް ތަރައްގީ ކުރެވިގެންދާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރަށްރަށުގެ ބަނދަރުތައް އަޕްގްރޭޑް ކުރުމާއި ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ބޭނުންވާ ޓާމިނަލްތަކާއި މިކަންކަމާގުޅޭ ވަސީލަތްތައް ތަރައްގީ ކުރުމަށްވެސް މި ބަޖެޓުގެ ތެރެއިން ހަމަޖެހިފައިވާނެ ކަމަށެވެ.

ފަހުރުވެރި އާއިލާއެއް ބިނާކޮށް، ގަދަރުވެރި ދިރިއުޅުމެއް އުޅެވޭ ރައްޔިތެއްކަން ކަށަވަރުކޮށްދިނުމަށް، ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލު ހޯދައިދީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު.
މިނިސްޓަރު އަމީރު

އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ރައްޔިތުން އެކަމަކަށް އެންމެ ބޭނުން ޖެހިފައިވާ ބޯހިޔަވަހިކަން ވެސް ހިމަނާފައެވެ. އެގޮތުން، މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް، އެފޯޑަބަލް ހައުސިން މަޝްރޫތަކަށް ބޭނުންވާ އިކުއިޓީ ބަޖެޓުން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު އާ ހައުސިން މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފެށި، އަދި މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމައި ފްލެޓްތައް ހައްގުވާ ފާރާތްތަކަށް ހަވާލުކުރުމަށް ވަނީ ޖުމްލަ 716 މިލިއަން ރުފިޔާ ބަޖެޓްކޮށްފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގައިވާ ގޮތުން ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށް ވާއިރު، ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއިން ކަމަށް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައެވެ.