2021 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް 1.1 ބިލިއަން ރުފިޔާ ހިމަނައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ބަޔާން ހުށަހަޅައި ދެއްވަމުން މި މައުލޫމާތު ހާމަ ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އޭނާ ވިދާޅުވީ މި ބަޖެޓުގައި އިގުތިސާދު އަދި ސިނާއަތްތައް ކުރިއެރުވުމަށް 7 ބިލިއަން ރުފިޔާ ހިމަނާފައި ވަނެ ކަމަށެވެ. އެގޮތުން އިގްތިސާދު އާރާސްތުކޮށް، ސިންދަފާތުކޮށް ވިލުންވެރިކަން އިތުރުކުރުމަށް ކުރަންޖެހޭ އިންވެސްޓްމަންޓްތަކަށް އިސްކަންދީފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިގްތިސޯދުގެ ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް އަލި އަޅުއްވާލައްވަފައެވެ. ފަތުރުވެރި ކަމުގެ ސިނާއަތް އަލުން ކޮޅަށް ޖެހެމުންދާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މި ހޯދާ ކުރިއެރުން އިތުރަށް ހަލުވިކުރުމަށް މަސައްކަތްކުރުން ކަމަށެވެ. އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ވާދަވެރިކަން އިތުރުވެގެންދާ މިދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓު ކޮށް ޕްރޮމޯޓުކުރުމަށް ހާއްސަ އިސްކަމެއް 2021ގެ ބަޖެޓުގައި ދީފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން އޭނާ ވިދާޅުވީ ފަތުރުވެރިކަން މާކެޓު ކުރުމަށް 154 މިލިއަން ރުފިޔާ މި ބަޖެޓުގައި ކަނޑައަޅާފައި ވާނެ ކަމަށެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ މުހިންމު އެއް ދާއިރާއަކީ ވައިގެ ދަތުރުފަތުރުގެ ނިޒާމު. 2021 ވަނަ އަހަރުގެ ބަޖެޓުގައި ވާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް 1.1 ބިލިއަން ރުފިޔާ ބަޖެޓު ކޮށްފައި.
މިނިސްޓަރު އަމީރު

ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ރާއްޖޭގެ މައި ދޮރޯށި ތަރައްގީ ކުރަން 1.1 ބިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނާފައި ވާ ކަމަށް އަމީރު ވިދާޅުވިއެވެ. އޭގެ އިތުރަށް ސަރުކާރުގެ ސަރަހައްދީ ތަރައްގީގެ ތަސައްވުރުގެ ތެރެއިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑު ކުރުމުގެ މަޝްރޫއުތައް ފެށުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ރާވާފައިވާ ކަން ވެސް އަމީރު ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ މި ތަރައްގީއާއެކު އުތުރާ ދެކުނުގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ، އިގުތިސާދީ ހަރަކާތްތައް އިތުރުވެ، ވަޒީފާގެ ފުރުސަތުތައް އެ ސަރަހައްދުތަކުގައި ތަނަވަސް ވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ޑޮމެސްޓިކް ގިނަ އެއާޕޯޓުތައް ތަރައްގީ ކުރުމަށް ވެސް ވާނީ މިބަޖެޓުގައި ރާވާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމް އަލުން ރިކަވާ ވާއިރަށް މި މަޝްރޫއުތައް ނިމި، މިވަސީލަތްތަކުގެ އިގުތިސާދީ ފައިދާ ލިބި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރު ހަރުފަތަކަށް ގެންދިއުން ކަމަށެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމެއް ކަމަށްވުމާއެކު، އަންނަ އަހަރުގެ ބަޖެޓުގައި މާލޭ ކޮމާޝަލް ހާބަރު ތަރައްގީ ކުރަން ވަނީ ރާވާފައި
މިނިސްޓަރު އަމީރު

އަމީރު ވިދާޅުވީ ފެންވަރު ރަނގަޅު، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އިންޓަނޭޝަނަލް ޕޯޓެއް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައިވާއިރު، މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް އަންނަ އަހަރު ފެށޭނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެހެންކަމުން މިކަމަށް ވަނީ 476 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައެވެ.

ހަމައެއާއެކު. ރާއްޖޭގެ އުތުރާ ދެކުނުގައި ސަރަހައްދީ ޕޯޓުތައް ތަރައްގީކުރުމާއި ހިދުމަތްތައް ފުޅާކުރުމަށް ވެސް ބަޖެޓުން އިސްކަން ދީފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ކޮމާޝަލް ޕޯޓުގެ މަޝްރޫއާ އެކުއެކީގައި މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެ މަޝްރޫއަށް ބޭނުންވާ ފައިނޭންސް މިހާރު ހަމަޖެހިފައިވާއިރު، 2021 ވަނަ އަހަރުގެ ބަޖެޓުގައި މި މަޝްރޫއަށް ވަނީ 469 މިލިއަން ރުފިޔާ ހަމަޖައްސާފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގައިވާ ގޮތުން ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށް ވާއިރު، ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއިން ކަމަށް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައެވެ.