މި ސަރުކާރުން ކާމިޔާބުކަމާއެކު ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމް މެދުކަނޑާލާފައި އޮތުމަށް ފަހު ބަދަލުތަކަކާއެކު އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ބަޖެޓްކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ބަޔާން ހުށަހަޅައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ސަރުކާރުން ކާމިޔާބު ކަމާއެކު ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ބަދަލުތަކަކާއެކު އިތުރަށް ހަރުދަނާކޮށް އެފިޝަންޓްކޮށް 2021 ވަނަ އަހަރުވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ބަޖެޓްކުރެވިފައި ކަމަށެވެ.

ނަމަވެސް މި ކަމަށް ބަޖެޓް ކޮށްފައިވާ ސީދާ އަދަދެއް އަމިރު ވިދާޅެއް ނުވެއެވެ. ނަމަވެސް މުޅި ތައުލީމީ ދާއިރާއަށް 4 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލަކަށް ހެނދުނުގެ ނާސްތާ ސަރުކާރުން ދެމުން އަންނަތާ އެއް އަހަރު ވަނީ ވެފައެވެ. މި އަހަރު ކޮވިޑް އާ ގުޅިގެން ސްކޫލްތައް ބަންދު ކުރުމާ ހަމައަށް ސްކޫލްތަކުގައި ކުދިންނަށް ހެނދުނުގެ ނާސްތާ އައީ ސަރުކާރުން ދެމުންނެވެ. ނަމަވެސް ހެނދުނުގެ ނާސްތާ މެދުކަނޑާލާފައި ވަނި މިއަހަރު ކޮވިޑްގެ ހާލަތަށް ފަހުއެވެ. ކޮވިޑްގެ ހާލަތަށް ފަހު ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު ކިޔަވައިދޭން ފެށި ފަހުން ހެނދުނުގެ ނާސްތާ ދިނުން މެދުކަނޑާލާފައި ވާ ކަމަށާއި ގެއިން ކުދިން ހެނދުނު ރަނގަޅަށް ސައި ބޮއެގެން އައުމަށް ވަނީ އެޑިއުކޭޝަނުން ބުނެފައެވެ.

މިދިޔަ އަހަރުން ފެށިގެން ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ވަނީ ފައްޓާފައެވެ. އެ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ޓާމްގައި 25 ސްކޫލަކަށް ހެނދުނުގެ ނާސްތާ ޕްރޮގްރާމްގެ ޕައިލެޓް ފެށުމަށްފަހު މިދިޔަ އަހަރުގެ ދެވަނަ ޓާމްއާ ހަމައިން ސަރުކާރުގެ 213 ސްކޫލެއްގައި ރަސްމީކޮށް ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވަނީ ފާށާފައެވެ.

ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ފުއްދެވުމަށް ވެވަޑައިގެންނެވި ރިޔާސީ ވަައުދުފުޅެކެވެ.