ތައުލީމީ ދާއިރާއިން 105 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް ރޭވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ މިއަދު ރައްޔިތުން މަޖިލީހުގައި 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ބަޔާން ހުށަހަޅައި ދެއްވަމުން ދެއްކެވި ވާހައިގައެވެ. އަމީރު ވިދާޅުވީ، ސަރަހައްދީ ތަރައްގީގެ ތަސައްވުރުގެ ތެރެއިން ހާއްސަ އިސްކަމެއް ދީގެން ރާއްޖޭގެ 5 ސަރަހައްދެއްގައި ފެންވަރު ރަނގަޅު ވަށާޖެހޭ ތައުލީމީ ނިޒާމަކަށް ވާސިލްވުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް މި ބަޖެޓުގައި ވަނީ ހިމެނިފައި ކަމަށެވެ.

އަދި ތައުލީމީ ދާއިރާއިން 105 ރަށެއްގައި މަޝަރޫތައް ހިންގުމަށް ރޭވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސަރަހައްދީ ތަރައްގީގެ ތަސައްވުރުގެ ތެރެއިން ހާއްސަ އިސްކަމެއް ދީގެން ރާއްޖޭގެ 5 ސަރަހައްދެއްގައި ފެންވަރު ރަނގަޅު ވަށާޖެހޭ ތައުލީމީ ނިޒާމަކަށް ވާސިލްވުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް މި ބަޖެޓުގައި ވަނީ ހިމެނިފައި. ސަރުކާރުގެ އަމާޒަކީ، ފެންވަރު ރަނގަޅު ތައުލީމެއް މި ސަރަޙައްދުތަކުން ލިބޭނެ މަގު ފަހިކޮށްދިނުން."
އިބްރާހިމް އަމީރު

ތައުލީމީ ދާއިރާއިން 105 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް ރޭވިފައިވާއިރު އެގެތެރޭގައި ހިމެނެނީ ސްކޫލު ތަކާއި، ކްލާސްރޫމްތަކާއި، ތައުލީމީ ވަސީލަތްތައް ބިނާ ކުރުމަށް ކުރެވޭނެ ހަރަދު ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަޝްރޫއުގެ ސަބަބުން ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށް އަމީރު ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގެ ޒުވާނުންނަކީ ގާބިލު، ފަންނީ އަދި ހިޔާލު ތަނަވަސް ބައެއް ކަމަށާއި މިސަރުކާރުގެ އަމާޒަކީ ޒުވާނުންގެ ގާބިލިއްޔަތު އިތުރުކޮށް އަދި ޒުވާނުންގެ ހުނަރާއި ގާބިލިއްޔަތު އުފެއްދުންތެރި ދާއިރާތަކަށް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް އަމީރު ވިދާޅުވިއެވެ. އިގުތިސޯދު އާރާސްތުކޮށް ވިލުންވެރި އިގުތިސޯދެއް ބިނާކުރުމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަކީ މުހިއްމު ކަމެއް ކަމަށް އަމީރު ވިދާޅުވިއެވެ.

އެގޮތުން ޒުވާނުންގެ ހުނަރު ތަރައްގީކުރުމަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ވާނީ ގިނަ މަޝްރޫއުތަކަކާއި ޕްރޮގްރާމް ތަކެއް ރޭވިފައި ކަން އަމީރު ފާހަގަކުރެއްވިއެވެ. އެގޮތުން ލ.އަތޮޅުގައި ޓުއަރިޒަމް ޓްރެއިނިން ފެސިލިޓީއެއް ގާއިމުކުރުމަށް ވާނީ ބަޖެޓުކުރެވިފައި ކަމަށާއި ހުޅުމާލެ، ކުޅުދުއްފުށި، ފުވައްމުލައް އަދި ރ.އަލިފުށީގައި އެންމެ ޒާމާނީ ޓިވެޓް އިންސްޓިޓިއުޓު ތައް ގާއިމުކުރުމަށް ވެސް ބަޖެޓުގައި ވާނީ ހިމެނިފައި ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ޖޫނިއާ ކޮލެޖު ގާއިމް ކުރުމަށާއި، ގައުމީ ޔުނިވާސިޓީގެ ވަސީލަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާ ކުރުމަށް ވެސް ބަޖެޓުގައި ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓަށް ހުށަހޅާފައިވާ 34.8 ބިލިއަން ރުފިޔާގެ ތެރެއިން ތައުލީމީ ދާއިރާއަށް ކަނޑައަޅާފައި ވަނީ 4 ބިލިއަން ރުފިޔާއެވެ.