އަންނަ އަހަރަށް އާސަންދަ ސްކީމަށް 718 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާ ކަމަށް ފިނޭންސް މިނިސްތަރު އިބްރާހިމް އަމިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ބަޔާން ހުށަހަޅައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އާސަންދަ އާއި އެހެނިހެން އިޖުތިމާއީ ރައްކާތެރިކަމުގެ ސްކީމުތަކަށް ޖުމްލަކޮށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ 3.7 ބިލިއަން ރުފިޔާ ކަނޑައަޅާފައި ކަަމަށެވެ. އެ ގޮތުން އަންނަ އަހަރަށް، އާސަންދަ ސްކީމަށް 718 މިލިއަން ރުފިޔާ ވާނީ ބަޖެޓު ކޮށްފައިވާ ކަމަށެވެ.

"ގައުމެއްގެ ހުރިހާ ރައްޔިތުންނަށް ސިއްހީ ހިދުމަތް ޔަގީން ކޮށްދިނުމަކީ ދުޅަހެޔޮ އުފެއްދުންތެރި އާބާދީއެއް ބިނާކުރުމަށް މަގު ފަހިކޮށްދޭ ކަމެއް. ރައްޔިތުންނަށް ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މިފަދަ ނިޒާމަކުން ރައްޔިތުންނަށް މާލީ ރައްކާތެރިކަންވެސް ފޯރުކޮށްދޭ. މީގެ ފައިދާއާ މެދު އެއްވެސް ޝައްކެތް ނެތް. ނަމަވެސް މިފަދަ ސްކީމެއް ހިންގާއިރު ހަރަދު އިސްރާފުވުމަށް ފުރުސަތުތަކެއް ހުރިކަން ދެނެގަންނަންޖެހޭ."
އިބްރާހިމް އަމީރު

ރައްޔިތުންނަށް ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ރައްޔިތުންނަށް މާލީ ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް އަމީރު ވިދާޅުވިއެވެ. އެހެންކަމުން އަންނަ އަހަރު ވެގެންދާނީ ސިއްހީ އިންޝިއުރެންސްގެ ނިޒާމުގައި ހުރި އިންއެފިޝަންސީތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާ އަހަރެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރު ވެސް ތަކެތީގެ އަގުހެޔޮ ކުރުމަށްދޭ އެހީ އާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އެހީ އާއި އުމުރުން ދުވަސްވީ ފަރާތްތަކަށް ދޭ އެހީ އާއި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ ހިމެނޭ ކަމަށް އަމީރު ވިދާޅުވިއެވެ. މީގެއިތުރުން އަންނަ އަހަރު ހ އެާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރިހެބިލިޓޭޝަން ހިދުމަތްދޭ މަރުކަޒަކާއި، މާލޭގައި ޑޭ ކެއާ ސެންޓަރެއް ގާއިމްކުރުމަށް ރޭވިފައިވާ ކަމަށް ވެސް އަމިރު ވިދާޅުވިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނައުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ބަޖެޓުގައި ވާނީ ހިމަނާފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުޑަކުދިންގެ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމަށާއި، ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒެއް ގާއިމްކުރުމަށް ވާނީ ހިމަނާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.