2021 ވަނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް 4 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ކަނޑައަޅައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ބަޔާން ހުށަހަޅައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ސިއްހީ ދާއިރާއަށް 4.1 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ 5 ސަރަހައްދުގައި 5 ޓާޝައަރީ ހޮސްޕިޓަލް ތަރައްގީ ކުރުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި އެކުލަވާލައިގެން ކުރަން ފަށަފައިވާ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށް އަމީރު ވިދާޅުވިއެވެ. ސަރަހައްދީ ތަރައްގީގެ ތަސައްވުރާއެކު 2021 ވަނަ އަހަރު ކުރުމަށް ނިންމާފައިވާ އިންވެސްޓްމަންޓްތަކަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް މިހާތަނަށް އަންނާނެ އެންމެ ބޮޑު އިންގިލާބީ ބަދަލަށް ވެގެންދާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން އަތޮޅު ތެރޭގައި ޕްރައިމަރީ ހެލްތުކެއާގެ ހިދުމަތް ފުޅާކުރުމާއި، ފަސޭހައިން ލެބޯޓަރީގެ ހިދުމަތްތައް ލިބޭނެ މަގު ފަހިކުރުމަށް މޯބައިލް ލެބްގެ ހިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

"މިބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ދާއިރާއަކީ ސިއްހީ ދާއިރާ. މިގޮތުން ސިއްހީ ދާއިރާއަށް ވާނީ 4 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައި."
އިބްރާހިމް އަމީރު

މީގެ އިތުރުން އަމީރު ވިދާޅުވީ، ސިއްހީ ދާއިރާއިން އަލަށް ފެށުމަށް ކަނޑައަޅާފައިވާ މުހިންމު އެއް މަޝްރޫއަކީ ރާއްޖޭގައި ފެންވަރު ރަނގަޅު ކެންސަރު ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަޝްރޫއު ކަމަށެވެ. އެ މަޝްރޫއު ވެގެންދާނީ ކެންސަރާ އެހެނިހެން ގައިންގަޔަށް ނާރާ ބަލިތަކުން މަރުވާ އަދަދު 2018 ގައި ހުރި މިންވަރުން 15 އިންސައްތަ ދަށް ކުރުމުގެ އަމާޒަށް ވާސިލުވުމަށް މުހިންމު މަޝްރޫއަކަށް ކަމަށް އަމީރު ފާހަގަ ކުރެއްވިއެވެ.

އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގައި އަސާސަކަށް ބަލާފައިވާނީ "ނެޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ" ޕްލޭންގައި އިސްކަންދީފައިވާ ކަންކަމަށް ކަމަށް އަމީރު ވިދާޅުވިއެވެ. އެ ޕްލޭނަކީ ސަރުކާރުން އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިއްމު ކަންތައްތަކުގެ ތެރެއިން ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް ރީޕްރައޮރެޓައިޒްކޮށް، ސަރުކާރުން އެންމެ އިސްކަންދޭ ކަންތައްތައް ހިމަނައިގެން އެކުލަވާލައިފައިވާ ޕްލޭނެއް ކަަމަށް އަމީރު ވިދާޅުވިއެވެ.

ބަޖެޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވަނީ މިއަހަރު ސިއްހީ ދާއިރާއަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ، އެގޮތުން ކޮވިޑް-19 އާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަށް ސިއްހީ ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވުނު ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓުކުރެވޭނެ ގޮތް ހަދައި، މިއަދު ދުވާލެއްގެ މައްޗަށް 3000 އަށްވުރެ ގިނަ ޓެސްޓު ކުރެވޭނެ މަގު ވަނީ ފަހިކުރެވިފައެވެ. ކޮވިޑް ބަލިމަޑުކަމާއެކު ހާއްސަ ހޮސްޕިޓަލް އެނދު މަދުވެދާނެތީ އެނދުގެ ކެޕޭސިޓީ ބޭނުންވާ މިންވަރަށް އިތުރު ކުރެވުނެވެ. ބޭނުންވާ މެޝިނަރީ އާއި ވަސީލަތްތައް ހޯދިފައިވާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

މި އަހަރު ސިއްހީ ގާބިލުކަން އިތުރުކުރުމަށާއި ކޮވިޑް-19 ގެ ސިއްހީ އޮޕަރޭޝަނަށް 1.3 ބިލިއަން ރުފިޔާއާ ގާތަށް މިހާރު ހޭދަކުރެވިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. މިއަދު ރާއްޖޭގެ ބޯޑަރު ހުޅުވައި، އިގްތިސޯދީ ހަރަކާތްތައް ފެށިފައިވުމުގެ އަސްލަކީ ސަރުކާރުން އޭރު އެޅި ހަރުދަނާ ފިޔަވަޅުތައ ކަމަށާއި ސިއްހީ ދާއިރާއަށް ކުރެވުނު އިންވެސްޓްމަންޓަކީ ދިގު ރާސްތާގައިވެސް ފައިދާކުރާނެ މުހިއްމު އިންވެސްޓްމަންޓްތަކެއް ކަަމަށް އަމީރު ވިދާޅުވިއެވެ.

2021 ވަނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް 4 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަލާފައިވާ އިރު މިދިޔަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް ހުށަހަޅާފައި ވަނި 4.1 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.