އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައި ވަނީ 34،787،720،151 ރުފިޔާގެ ބަޖެޓެއް ކަމަށެވެ. ބަޖެޓްގައިވާ ގޮތުން ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ،ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއިން ކަމަށް އަމީރު ވިދާޅުވިއެވެ.
އަންނަ އަހަރުވެސް ވާނީ އާމްދަނީގެ ގޮތުން ތަދު އަހަރަކަށް ކަމަށާއި އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ ކަމަށް އަމިރު ވިދާޅުވިއެވެ. މިއަހަރަށް ހުށަހެޅި ބަޖެޓަށްވުރެ އަންނަ އަހަރުގެ ބަޖެޓު ކުޑަކުރި ނަމަވެސް އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން ބަޖެޓުގެ ޑެފިސިޓް ބޮޑުވާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވާނީ 15.5 ބިލިއަން ރުފިޔާއިން ކަމަށާއި އެއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތަ ކަމަށް އަމީރު ވިދާޅުވިއެވެ.
2021ގެ ބެޖެޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، އޭނާ އެދިވަޑައިގަންނަވަނީ ހުށަހަޅާފައިވާ ބަޖެޓު މަޖިލީހުން ފާސްކޮށްދިނުމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު އަލުން އާރާސްތުކޮށް ރާއްޖޭގެ އިގްތިސޯދީ ދުވެލި ހަލުވިކުރުމަށާއި ސަރަހައްދީ ތަރައްގީ ގެނައުމަށާއި ސަރުކާރުގެ އެންމެ މުހިއްމު އަމާޒުތަކަށް ވާސިލުވުމަށް ކުރާ މަސައްކަތުގައި މި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.
މި ބަޖެޓު ހުށަހަޅަނީ ކޮވިޑް-19 އާ އެކު ދުނިޔެ އާއި ރާއްޖޭގެ އިގްތިސޯދަށް ތަދުމަޑުކަމެއް އައިސްފައިވާ ދަނޑިވަޅެއްގައި ކަމަށް އމީރު ވިދާޅުވިއެވެ. އަދި މިއީ މީގެ ކުރިން ދިމާވި އެހެން އެއްވެސް އިގްތިސޯދީ ތަދުމަޑުކަމަކާ ނުބައްދަލު ކާރިސާއެއް ކަމަށް އަމީރު ވިދާޅުވިއެވެ. ކޮވިޑް-19ގެ ޕެންޑެމިކް އާއި އަދި އެއިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު މި އަހަރު ރާއްޖޭގެ އިގްތިސޯދު ވަނީ 29.3 އިންސައްތައިން ކުޑަވެފައި ކަމަށް އަމީރު ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން، 2021 ވަނަ އަހަރުގެ ބަޖެޓު ރޭވިފައިވާނީ ކޮވިޑް-19 ގެ އިގްތިސޯދީ އަދި އިޖުތިމާއީ ގެއްލުންތަކުން ވީހާވެސް އަވަހަކަށް އަރައިގަނެ، "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގެ އެންމެ މުހިއްމު ސިޔާސަތުތައް ތަންފީޒުކުރުމުގެ މައްޗަށް ކަމަށް އަމީރު ވިދާޅުވިއެވެ.