މިއަދާ ހަމައަށް އައި އިރު ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 60 އަށް އަރައިފިއެވެ.

މިހާރު ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، މިހާރު ކަނޑިންމައިން ފެނިފައިވާ ކޭސްގެ ޖުމްލަ އަދަދު 60 އަށް އަރާފައިވާ ކަމަށެވެ.

އެގޮތުން އެރަށުން ފަހުން ފެނުނު ކޭސްތަކުގެ ތަފްސީލް ހާމަކުރައްވަމުން ނަޒްލާ ވިދާޅުވީ، އެ ރަށުގައި ކަރަންޓީންގައި ތިބި މީހުންގެ ތެރެއިންވެސް ޕޮޒިޓިވް ކޭސްތަކެއް ފެނުނު ކަމަށާއި އެރަށުން ފެނުނު ޕޮޒިޓިވް ކޭސްގެ ކްލަސްޓާ އާ ގުޅުން ހުރި އިތުރު ކޭސްތަކެއް ފެނިފައިވާ ކަމަށެވެ. އަދި މި ވަގުތު އެ ރަށުގައި ޖުމްލަ 44 ކޮންޓެކްޓެއް އެބަ ތިބި ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެ ކުރިން މި މަހުގެ 5 ވަނަ ދުވަހާ ހަމައަށް އައި އިރު އެ ރަށުން ވަނީ 50 ކޭސް ފެނިފައެވެ.

ކަނޑިންމަ ރިސޯޓު މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލު ކޮށްފައެވެ. ހަމައެއާއެކު އިތުރު ޕޮޒިޓިވް ކޭސްތައް ފެންނަމުން ދާތީ އެރަށަށް އަރާ ފޭބުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މޮނިޓަރިންގެ ހާލަތަށް ބަދަލުކުރި ދުވަހުން ފެށިގެން އެ ރިސޯޓަށް އިތުރު ޓޫރިސްޓުން ނުގެނެވޭނެ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

ކުރިން އެ ރިސޯޓަށް ދިއުމަށް ބުކިން ހަދާފައި ތިބި ގެސްޓުން ދަނީ އެހެން ރިސޯޓުތަކަށް ބުކިން ބަދަލު ކުރަމުންނެވެ. އަދި އެ ރަށުގައި މިހާރު ތިބި ގެސްޓުން ފުރުވާލުމުގައި އެއްވެސް ޕޮޒިޓިވް ކޭސްއަކާ ކޮންޓެކްޓް ވިތޯ ބަލައި އަދި ޕީސީއާރް ޓެސްޓު ހަދައެވެ.

ދާދި ފަހުން ކޮވިޑް ބަލީގައި ނިޔާވި އުމުރުން 60 އަހަރުގެ އާދަމް ނަސީރަކީ ދ. މާއެނބުދޫއަށް އުފަން އަދި ކަނޑިންމަ ރިސޯޓުގެ މުވައްޒަފެކެވެ. އާދަމް ނަސީރު ނިޔާވެފައި ވަނީ މި ދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މި ކޭސް ފެންމަތިވުމާއެކު ކަނޑިންމަ ރިސޯޓު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށް އެރިސޯޓުން އާދަމް ނަސީރާ ކޮންޓެކްޓް ވި މީހުންގެ ސާމްޕަލް ނަގާފައެވެ.

އެގޮތުން މިމަހުގެ 1 ވަނަ ދުވަހާ ހަމައަށް އައި އިރު 20 ކޭސް ވަނީ ފެނިފައެވެ އަދި މި މަހުގެ 3 ވަނަ ދުވަހު އިތުރު 30 ކޭސް ވަނީ ފެނިފައެވެ. މި ކޭސްތައް ފެނިފައި ވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ސްޓާފުންގެ ތެރެއިންނެވެ. މީގެ އިތުރުން ޑިޕާޗާއަށް އެ ރިސޯޓުން ޓެސްޓު ކުރި ގެސްޓެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.