އިދިކޮޅުން ހުށައެޅި ކަންބޮޑުވުންތަކަށް ހައްލެއް ހޯދާދިނުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ޕީޕީއެމަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވާ ގުޅިގެން އެ ޕާޓީގެ އިސްވެރިން ވަނީ މިއަދު އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ބައްދަލްކުރައްވާ އެކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

އީސީގެ އިސްވެރިންނާއެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޤާނޫނީ ގޮތުން ސިޔާސީ ޕާޓީތަކަށް ލިބިދޭން ކަނޑައަޅާފައިވާ ފައިސާ އިލެކްޝަން ކޮމިޝަނުން މިއަހަރުގެ މިހާތަނަށްވެސް ޕީޕީއެމްއަށް ދީފައި ނުވާކަމަށެވެ.

މިއީ ޕާޓީގެ ހަރަކާތްތައް ހިންގުމަށާއި، ޕާޓީން އިންތިޒާމުކުރާ ކަންކަން ކުރުމަށް އޮތް ހުރަހެއްގެ ގޮތުގައި ފާހަގަކޮށް މިފައިސާ އަވަހަށް ލިބޭނެ ގޮތެއް ހަމަޖައްސައި ދެއްވުމަށް އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފައެވެ.

އެބައްދަލްވުމުގެ ފޮޓޯތައް އިލެކްޝަންސް ކޮމިޝަނުން ޓްވީޓުކޮށްފައިވާއިރު އެ ޓުވިޓު ރިޓްވީޓް ކުރައްވާ ޝަރީފް ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީން ހުށައެޅި ކަންކަމަށް ހައްލެއް ލިބޭތޯ އިލެކްޝަނުން މަސައްކަތް ކުރާނެ ކަމަށެވެ.